ދުނިޔެ

އެމެރިކާ-ޗައިނާ ވިޔަފާރި މަޝްވަރާތައް އިތުރު ދުވަހަކަށް

Jan 9, 2019

ބެއިޖިންގް (ޖެނުއަރީ 8) - އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އެކަމުގައި ދާއިމީ ހައްލެއް ހޯދަން ދެ ފަރާތުން ފަށާފައިވާ ރަސްމީ މަޝްވަރާތައް ތިން ވަނަ ދުވަހަކަށް އިތުރުކޮށްފި އެވެ.

ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ، މިދިޔަ މަހު ކުރީކޮޅު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގައި އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދަން ދެ ދުވަހުގެ މުއްދަތެއް ކަނޑައެޅި ނަމަވެސް، މިހާރު ވަނީ ތިން ވަނަ ދުވަހަކަށް އިތުރުކޮށްފަ އެވެ.

ޗައިނާއާއެކު މަޝްވަރާތައް ވަރަށް ރަނގަޅަށް ދާ ކަމަށް ޓްރަމްޕް ވަނީ އަންގާރަ ދުވަހު ތަކުރާރުކުރައްވައިފަ އެވެ.

ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އަމަލީ މަސައްކަތްތައް ފަށަން އަދި ދެ ތިން މަހެއް ނަގާނެކަމަށް ތަކުރިބާކާރުން ލަފާކުރެ އެވެ.

ޓްރަމްޕް ވަނީ މި ހިނގާ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރެވޭ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިޔުޓީ 25 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައި ނިންމުން އެ މުއްދަތަށް މަޑުޖައްސާލަން އެއްބަސްވެވަޑައިގެންފަ އެވެ.

އޭގެ ބަދަލުގައި އެމެރިކާއިން އުފައްދާ ގިނަ އަދަދެއްގެ މުދާ ގަންނަން، ޝީ ޖިންޕިން ނިންމަވާފައިވާކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު ކަނޑައެޅިފައިވާ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން ވިޔަފާރީގެ އެއްބަސްވުމަށް ނާދެވިއްޖެނަމަ، ސެޕްޓެމްބަރު މަހު 10 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވާ މުދަލުން، 25 ޕަސަންޓް ޓެކްސް ނަގާނެކަމަށް ވެސް ދެ ގައުމުން ވަނީ ބުނެފަ އެވެ.