ދުނިޔެ

އެއް ދުވަސް ތެރޭ ތިން ގައުމެއްގައި ނުރައްކާ ހަމަލާތަކެއް، 50 އަށް ވުރެ ގިނަ މަރު

Jun 27, 2015

ތަފާތު ތިން ގައުމެއްގައި އިއްޔެ ދިން ނުރައްކާތެރި އެކި ހަމަލާތަކުގައި ޖުމްލަ 50 އަށް ވުރެ ގިނަ މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މި ހަމަލާތައް ދީފައި ވަނީ ޓިއުނީޝިއާ އާއި ކުވޭތުގެ އިތުުރުން ފްރާންސްގަ އެވެ. ޓިއުނީޝިއާގައި ދިން ހަމަލާގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލް ބީޗު ޓައުންއެއްގައި ބަޑި ޖަހައި ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް މަރާލައި އެތައް ޓޫރިސްޓުންނެއް ވަނީ ޒަހަމްކޮށްލާފަ އެވެ.

ޓިއުނީޝިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސޯސޭ ބީޗު ޓައުންގައި ދިން ހަމަލާގައި 37 މީހުން މަރުވެ، އިތުުރު 36 މީހަކު ޒަހަމްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. މަރުވި މީހުންގެ ތެރޭގައި ޓިއުނީޝިއާގެ ރައްޔިތުންގެ އިތުުރުން، ޖަރުމަނާއި އިނގިރޭސި ވިލާާތާއި ބެލްޖިއަމް އަދި އަޔަލެންޑުގެ ޓޫރިސްޓުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނީ ދެ މީހަކު ވެގެންނެވެ. އޭގެ ތެރެއިން އެކަކު މަރާލާފައިވާ ކަމަށް ވެސް ބުންޏެވެ. ދެ ވަނަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ޓިއުނީޝިއާގެ ނޫސްތަކުން ބުންޏަސް، އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުން ބުނީ ހަމަލާ ދިން މީހުންގެ ތެރެއިން މަރާލާފައިވާ މީހާ އުޅުނީ މޫދަށް ދާން އުޅޭ ކަމަށް ހެދިގެންނެވެ. އެކަމަކު، ބީޗުގައި ޖަހާފައި ހުރި ކުޑައެއްގެ ދަށުގައި ފޮރުވާފައި އޮތް ރައިފަލެއް ނަގައިގެން އެ ތަނުގައި ތިބި މީހުންގެ ގަޔަށް ބަޑި ޖަހަން ފެށުމަށް ފަހު، އެ ތަނުގައި ހުންނަ ހޮޓެލް ރިއު އިމްޕީއަލް މަރުހަބާ އަށް ވަދެގަތް ކަމަށާއި ބަޑި ޖަހަމުން އެ ހޮޓަލުގެ ސްވިމިން ޕޫލް ކައިރިން ލާފައި ކުރިއަށް ދާން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އޭނާ މަރުވީ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ސްކޫލް ދަރިވަރެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އޭނާއާ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނަކަން ނުވަތަ އޭނާ ކުށެއް ކޮށްފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޓިއުނީޝިއާގައި ހަނގުރާމަވެރިން ދޭ ހަމަލާތައް މި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، އެ ގައުމުގެ ގައުމީ ދާރުލްއާސާރަށް މިދިޔަ މާޗު މަހު ދިން ޓެރަރިސްްޓް ހަމަލާގައި 22 މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބޭރުގެ ޓޫރިސްޓުންނެވެ.

އެކަމަކު، އިއްޔެގެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައެއް ނުވެ އެވެ. އިއްޔެ ދެ ވަނަ ހަމަލާއެއް ދީފައި ވަނީ ކުވޭތުގެ ޝީއީންގެ މިސްކިތަކަށެވެ. އެއީ ކުވޭތުގައި ޝީއީންގެ މިސްކިތަކަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ އެވެ.

ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ވެރިރަށް ކުވޭތު ސިޓީގެ އިރުމަތިން އޮންނަ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ހުންނަ އިމާމް ސަދީގު މިސްކިތަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާގައި 25 މީހަކު ވަނީ މަރުވެފަ އެވެ. އިތުރު 202 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުވޭތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ހަމަަލާ ދީފައި ވަނީ ގާތްގަނޑަކަށް 2،000 މީހުން މިސްކިތުގެ ތެރޭގައި ތިއްބަ އެވެ. އަދި މީހުން ސަލާމަތް ކުރުމުގައި އުޅުނު މީހަކު ބުނި ގޮތުގައި އެ ހަމަލާގައި ގިނައިން މަރުވެފައި ވަނީ ހުކުރު ނަމާދަށް ގޮސް ތިބި ކުޑަކުދިންނާއި ފިރިހެނުންނެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ، ނަޖުދު ޕްރޮވިންސް ނަމަކަށް ކިޔާ ޖަމާއަތުން ވަނީ އުފުލާފަ އެވެ. އެއީ ސައުދީ އަރަބިއްޔާގައި މި ފަހުން ޝީއީންގެ ދެ މިސްކިތަކަށް ދިން ވަރުގަދަ ޖާނުން ފިދާވުމުގެ ހަމަލާތަކުގެ ޒިންމާ ވެސް އުފުލާފައިވާ ޖަމާއަތެވެ.

މި ހަމަލާގެ އިތުރުން، ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނަ ކަމަށް ޝައްކު ކުރެވޭ މީހަކު ވަނީ ފްރާންސްގެ ގޭސް ފެކްޓްރީއަކަށް ވެސް ހަމަލާ ދީފަ އެވެ.

މީހަކާ އިނދެގެން އުޅޭތާ 10 އަހަރުވެ، ތިން ދަރިން ވެސް ތިބި ސާލީގެ އަންހެނުންނާއި އެއްބަނޑު އެއްބަފާ ދައްތަގެ އިތުރުން އަދި އެހެން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.

މޮލިންސް ވިދާޅުވި ގޮތުގައި އެއްވެސް ކުށެއްގެ ތުހުމަތުގައި ސާލީ މީގެ ކުރިން ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު، އޭނާ ވިދާޅުވީ "އިސްލާމް ދީނުގެ ހައްދުފަހަނައަޅާފައިވާ ހަރަކާތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވިގެން" 2006 އިން ފެށިގެން ފްރާންސްގެ ފުލުހުން އޭނާ އަށް ފާރަލަމުން އައިސްފައިވާ ކަމަށެވެ.

ފްރާންސްގެ ގޭސް ސްޓޭޝަނަކަށް ދިން މި ހަމަލާއާ އެކު، ޓެރަ އެލާޓް ލެވެލް ވަނީ އަނެއްކާ ވެސް އެންމެ މަތިކޮށްފަ އެވެ. އަދި ރަސްމީ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ.

މި ހަމަލާ ދީފައި މި ވަނީ ފްރާންސްގެ ސެޓްރިކަލް ހަފުލާ މަޖައްލާ ޝާލީ އެބްދޫ އަށް، ހަތިޔާރު އެޅި ދެ މީހަކު މިދިޔަ ޖެނުއަރީ މަހު ވެސް ވަރުގަދަ ހަމަލާއެއް ދީފައި ވަނިކޮށެވެ. އަލްގައިދާގެ ޔަމަން ގޮފިން ޒިންމާ ނެގި އެ ހަމަލާގައި ހަނގުރާމަވެރިންގެ ދެ މީހުން ވަނީ އެ ނޫހުގެ އެޑިޓަރާ އެކު މަޝްހޫރު އެހެން ކާޓޫނިސްޓުންތަކެއް ވެސް މަރާލައިފަ އެވެ. އެއަށް ފަހު ތިން ދުވަސް ވަންދެން ފުލުހުންނާ ދެކޮޅަށް ބަދަލުކުރި ހަމަލާތަކާ އެކު ހަމަނުޖެހުންތަކުގައި ޖުމްލަ 17 މީހަކު މަރާލާފައިވެ އެވެ.