މޫނު ދޮންކޮށް، ރީތިކޮށް ބެހެއްޓުމަށާއި މޫނުމަތީގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކޮންމެ އުމުރެއްގައި ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެކަމަކު މޫނުމަތި ރީތިކޮށް ބެހެއްޓުމަކީ އެއްރެއިން ކުރެވޭ ކަމެއް ނޫނެވެ. އެއީ އެ މީހެއްގެ މޫނުމަތި ރީތި ކުރަން އެ މީހަކު ބޭނުންކުރާ ރޫޓީންއެއްގެ ނަތީޖާއަކުންވާ ކަމެވެ. މޫނުމަތި ރީތިކޮށް ބެހެއްޓުމަށް ގަވާއިދުން ކޮންމެވެސް ކަންތަކެއް ނުވަތަ ރޫޓީންއެއް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. މޫނުމަތީގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކޮށްދޭނަމަވެ. އޭރަށް ކުރިޔަށް ދާން އެހީއަކަށް ވާނެ އެވެ.
މޫނުމަތީގައި މާމުއި ހޭކުން!
މޫނުމަތީގައި މާމުއި ހޭކުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ. މާމުޔަކީ މޫނު ދޮވެގެން މި ލިބޭ ސާފު ތާހިރު ކަމާއި ރީތިކަމުގެ އިތުރުން ފޭސް މާސްކެއްގެ ގޮތުގަ އާއި އެކްފޯލިއޭޓަރެއްގެ ގޮތުގައި ބޭނުން . ކުރެވިދާނެ އެއްޗެކެވެ. މޫނުމަތި ދޮވުމުގެ ގޮތުން މާމުއި ބޭނުން ކުރުން އެންމެ ރަނގަޅީ ހެނދުނުގެ ވަގުތުގައި ކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެހެން އެވަނީ އެއީ އެއްވެސް މޭކަޕެއްގެ އަސަރެއް މޫނުގައި ނުހުންނަ އިރު ކަމަށް ވާތީ އެވެ. ފޭސް ކްލީނާ އެއްގެ ގޮތުގައި މާމުއި ބޭނުން ކުރާނަމަ، ކުޑަ ފެންފޮދަކުން މޫނު ދޮވުމަށްފަހު މޫނުގައި އިނގިލިތަކުން މާމުއި ހާކާލުމަށްފަހު ފަސް ވަރަކަށް މިނެޓު ފަހުން ދޮވެލާނީ އެވެ. މިހެން ހެދުމުން މޫނުގެ ހަންގަނޑު މަޑުވެ ރީތި ވެސް ވެއެވެ.
ފޭސް މާސްކެއް ގޮތުގައި މާމުއި ބޭނުން ކުރާނަމަ ރީތިކޮށް މޫނު ދޮވެ ހިއްކާލާށެވެ. ދެން މޫނުގައި މާމުއި ހާކާނީ އެވެ. މިގޮތަށް ހާކާފައި ބައިގަޑިއެއްހާއިރު ބެހެއްޓުމުން މޫނުގެ ހަންގަނޑަށް ގިނަ ފައިދާތަކެއް ކުރެއެވެ. ހެނދުނު މިހެން ހެދުމުން މޫނުގެ ހަންގަނޑު ތާޒާވެ ދުވަހަށް މީހާ ތައްޔާރުކޮށްދީ ފްރެޝްކޮށްލަ އެވެ.
މާމުއިގައި ހިމެނޭ ގުލްކޯނިކް އެސިޑާއި އަލްފާ ހައިޑްރޮކްސީ އެސިޑްގެ ސަބަބުން މަރުވެފައިވާ ހަމުގެ ސެލްތަކުން މޫނުމަތި ސާފުކޮށްދިނުމުގެ އިތުރުން ހަމުގެ ކުލަވެސް އަލިކޮށްލައި ދެއެވެ. މި ސަބަބުތަކަށްޓަކައި އެކްސްފޯލިއޭޓަރެއްގެ ގޮތުގައި މާމުއި ބޭނުންކުރެވިދާނެއެވެ.
އޯޓްމީލުން ފޭސް މާސްކެއް ތައްޔާރު ކުރުން
އޯޓްމީލްއަކީ މޫނުގެ ހަންގަނަޑަށް ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޯޓްމީލް މާސްކް މަގުބޫލު ވަނީ ސާފު ކުރުމާއި އެކްސްފޯލިއޭޓް ކުރުމުގެ އިތުރުން މިއީ މޫނުމަތި މޮއިސްޗަރައިޒް ކުރުމަށް ވެސް އެހީތެރިވާ އެއްޗެއް ކަމުގައިވާތީ އެވެ.
އޯޓްމީލް ފޭސް މާސްކެއް ތައްޔާރު ކުރުމަށް ބޭނުންވަނީ މުގުރާފައިވާ ފަސް ސަމުސާ އޯޓްމީލެވެ. އެއަށް ފެން އަޅާ ޕޭސްޓް ގަނޑަކަށް ހެދުމަށްފަހު މޫނުމަތީ ހާކައި ވިއްސަކަށް މިނެޓަށް ފަހު ދޮވެލާނީ އެވެ. މި މާސްކް ހެދުމުގައި ފެނުގެ ބަދަލުގައި ކިރު ބޭނުން ކޮށްފިނަމަ މޫނުގެ ހަންގަނޑު އިތުރަށް މަޑުވެއެވެ.
ބިހުގެ ހުދުބަޔާއެކު ލުނބޯ ހޭކުން
މޫނުގައި ބިހި އަދި އޮށާޅަ ނަގާނަމަ މިއީ ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ލުނބޯފަޅިއެއްގެ ހުތަށް ބިހުގެ ހުދުބައި އެއްކުރުމަށްފަހު އޯޓްމީލް ޕައުޑާ އަޅައި ޕޭސްޓެއް ހަދާ މޫނުގައި ހޭކުމަކީ ބިހި އަދި އޮށާޅަ ނެގުން މަދުކޮށްދޭ ކަމެކެވެ.
އެޕަލް ސިޑާ ވިނެގާ ހޭކުން
އެޕަލް ސިޑާ ވިނގާއަކީ ގިނަ ގުނަ ފައިދާތަކެއް އަދި ހަންގަނޑު ރީތި ކުރުމަށް އެހާމެ އެހީތެރިވެދޭ އެއްޗެކެވެ. އެޕަލް ސިޑާ ވިނިގާ އިން ހަނގަނޑުގައި ލޭ ދައުރު ކުރުން އިތުރު ކޮށްދީ، މޫނު ތެޔޮވުމުން ސަލާމަތް ކޮށްދެއެވެ. މީގެ އިތުރުން ހަންގަނޑުގެ ޕީއެޗްލެވެލް ރެގިއުލޭޓް ކޮށްދެ އެވެ.
އެޕަލް ސިޑާ ވިނިގާ އާއި ފެނާއި އެއްކުރުމަށްފަހު މޫނުގައި ކަފަކޮޅަކުން ހޭކުމަށްފަހު އިރުކޮޅަކަށް ބަހައްޓާފަ ދޮވެލާނީ އެވެ. މިގޮތަށް ދުވަލާކު އެއްފަހަރު ނުވަތަ ދެފަހަރު ވެސް ހެދިދާނެ އެވެ.