ދިވެހި ސިނަމާ

"ނިވައިރޯޅީ"ގެ ހައުސްފުލް ޝޯ ތަކެއް

ފިލްމީ ދާއިރާއިން ދުރަށް ޖެހިލާ، ކެމެރާ ކުރިމަތިން ނިވައިވަމުން ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމު "ނިވައިރޯޅި" ސިނަމާގައި އެޅުވިތާ މިވީ ހަފުތާއެކެވެ. ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ބުނަނީ މިއީ، ނިއުމާ ސިނަމާ ދޫކޮށް ދަމުން ކުޅުނު އެންމެ ވަރުގަދަ އަދި އެންމެ ތަފާތު ފިލްމު ކަމަށެވެ.

މޫމިން ފުއާދުގެ ޑައިރެކްޝަންގެ ދަށުން އުފައްދާފައިވާ ފިލްމު "ނިވައިރޯޅި" ރެޑް ކާޕެޓުގެ ކުލަގަދަ ހަފްލާއަކަށްފަހު ޕްރިމިއާ ކުރީ މިދިޔަ ހަފުތާގަ އެވެ. މިއަދަށް ހަފުތާއެއްވާއިރު، ފިލްމުގެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ފިލްމުގެ ބަތަލާ ނިއުމާ ބުންޏެވެ.

"އަދި ފިލްމު އެޅުވިތާ ހަފުތާއެއްވީ، އޮލިމްޕަހުގެ ފުރަތަމަ ދެތިން ގޮނޑިބަރި ނޫން ހުރިހާ ބައެއް ދަނީ ކޮންމެ ރެއަކުވެސް ފުލްކޮށް ހަމަ. ހަފުތާއެއްތެރޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފިލްމު ބަލާ، ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހިގެން ތިބެ ސިނަމާއިން ނިކުންނަނީ. އެއް މަހަށް އޮލިމްޕަސް ހިފާފައި އޮތަސް ބެލުންތެރިންގެ ތަރުހީބު ލިބޭ ނަމަ އިތުރު ޝޯތައް އަޅުވާނަން" ފިލްމަށް ލިބޭ ތަރުހީބާ ބެހޭގޮތުން ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ފިލްމަކީ ރާއްޖޭގައި ހިނގާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ދައްކުވައިދޭ ފިލްމެކެވެ. ލޯބީގެ މާބޮޑު ބައެއް މި ފިލްމުގައި ނެތުމުން ބައެއް ބެލުންތެރިން ހިތްދަތިވިޔަސް ނިއުމާގެ އެކްޓިންގ އަށް ބެލުންތެރިން ސާބަސް ދެ އެވެ. އަދި މިއީ މޫމިންގެ އުފެއްދުމެއް ކަމުން، މި ފިލްމުން ބެލުންތެރިން "ޑިސަޕޮއިންޓް" ނުވާނެ ކަމަށްވެސް ފިލްމު ބަލާފައިވާ ބައެއް ފަރާތްތައް ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ހިއްސާ ކުރަމުން ބުނެ އެވެ.

މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި މިހާރު ހައުސްފުލްކޮށް ދާއިރު، ހުޅުމާލެ ޝްވެކްގައި އަންނަ ހަފްތާއިން ފަށައިގެން އެޅުވުމަށް ވަނީ ފިލްމުގެ ޓީމުން ނިންމާފަ އެވެ. އަދި، ކުލަގަދަ ހަފްލާ އަކާއެކު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގަ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ވަނީ އަޅުވަން ނިންމާފަ އެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދު އާއި މާލޭގަ އެވެ. އަދި ފިލްމުގެ ލަވައެއްގެ މަންޒަރު ރާއްޖޭން ބޭރުގައިވެސް ނަގާފައިވެ އެވެ.