ދުނިޔެ

އިދިކޮޅާއެކު ބޭއްވި ބަޖެޓު މަޝްވަރާތަކުން ޓްރަމްޕް ނުކުންނަވައިފި

Jan 10, 2019
1

ވޮޝިންގްޓަން (ޖެނުއަރީ 8) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް މައްސަލާގައި، ސަރުކާރުގެ ބޮޑު ބައެއް ހުއްޓިފައި ވާއިރު، އެކަމަށް ހައްލެއް ހޯދަން އިދިކޮޅު ލީޑަރުންނާއެކު ބޭއްވުނު މަޝްވަރާތައް ދޫކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުންނަވައިފި އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް ދެ މެމްބަރުން ކަމުގައިވާ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި ހައުސްގެ ސްޕީކާ ނޭންސީ ޕެލޯސީ އާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމަކުން ޓްރަމްޕް ނުކުމެވަޑައިގެންނެވީ، ފާރުގެ މަޝްރޫއުއަށް ބަޖެޓް ދިނުމަށް އެއްބަސްނުވާނެކަމަށް އެ ޕެލޯސީ ވިދާޅުވުމުންނެވެ.

"ޕެލޯސީ އަރިހު ޓްރަމްޕް އެއްސެވީ ފާރު މަޝްރޫއުއަށް އެއްބަސްވާނަންތޯ، އެކަމަށް ނޭންސީ ނޫނެކޭ ވިދާޅުވީ،" އެ ބައްދަލުވުމަށްފަހު ޝޫމާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އެހެން ވިދާޅުވުމާއެކު ޓްރަމްޕް ތެދުވެވަޑައިގެން، މަޝްވަރާކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، ނުކުމެވަޑައިގެންނެވީ،" ޓްރަމްޕް އެއްވަސް ވަރަކަށް ގޮތްދޫކުރައްވަން ބޭނުންފުޅުނުވާކަމަށް ތުހުމަތުކުރައްވަމުން ޝޫމާ ވިދާޅުވި އެވެ.

ޓްރަމްޕް ފަހުން ވަނީ އެ ބައްދަލުވުމަކީ މުޅިން ވަގުތު ބޭކާރުވާ ކަމެއް ކަމަށް ސިފަކުރައްވައިފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުންނާއެކު ކުރެވޭ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ، ބޯޑަރު ސަރަހައްދުގައި ހިންގަމުންދާ ބޮޑު ކާރިސާއަކުން ގައުމު ސަލާމަތްކުރުމަށް އިދިކޮޅުން ހުރަސްއަޅަމުންދާކަމަށެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ އިއްޔެއަށް 19 ދުވަސްވެފައިވާއިރު، އެތަކެއް އަހަރެއް ސަރުކާރު ހުއްޓިފައި ބާއްވަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، 800،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ މުސާރަނުދެވި އެވެ.

މިޑް ޓާމް އިލެކްޝަނުގެ ކާމިޔާބީއަށްފަހު ހައުސްގެ މެޖޯރިޓީ ހޯދި ޑިމޮކްރެޓުން ބުނަނީ، އެ ފާރަކީ ބޭކާރު ހަރަދެއްކަމަށާއި، އިންސާނިއްޔަތާވެސް ހިލާފުކަމެއް ކަމަށެވެ.

ފާރަށް ބޭނުންވާ ފައިސާ ނުލިބިއްޖެނަމަ، ކުއްލި ހާލަތު އިއުލާނު ކުރައްވައިގެން، އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވި ނަމަވެސް، އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.