ހަބަރު

ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް ޝަރުއީ ދާއިރާގެ މަހާސިންތާއެއް ބާއްވަނީ

ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމަށް ގައުމީ މަހާސިންތާއެއް ބޭއްވުމަށް ޝަރުއީދާއިރާއިން ނިންމައިފި އެވެ.

އާ އަހަރާއި ދިމާކޮށް ޝަރުއީދާއިރާގައި ކުރަން ނިންމާފައިވާ ބައެެއް ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްްޓްރޭޝަން (ޑީޖޭއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެޑްމިނިސްްޓްރޭޓަރު ޑރ. އަލީ ނަޒީރު ވިދާޅުވީ، ޝަރުއީ ދާއިރާގެ ގައުމީ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެބުރުއަރީމަހުގެ 17 އިން 19 އަށެވެ.

ނަޒީރު ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައިވެސް ރަނގަޅު ކުރަންޖެހޭނެ ކަންކަން ހުންނާނެ ކަމަށާއި، އުއްތަމަ ފަނޑިޔާރު ވަނީ ޖުޑިޝަރީގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިކަމަށެވެ. އެގޮތުން އެ ގައުމީ މަހާސިންތާ ބޭއްވުމަށް ނިންމާފައިވަނީ ޖުޑިޝަރީގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާ ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން އެ މަހާސިންތާގެ ބޭނުމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ފަސޭހަކަމާއެކު އަދުލު އިންސާފު ލިބިދިނުމާއި، ވަކިކޮޅަކަށް ނުޖެހި ނުފޫޒުން ބޭރުން ކަންކަން ކުރުމަށް ސްޓޭކް ހޯލްޑަރުން ގެ މަޝްވަރާ ހޯދުން ކަމަށްވެސް ޑރ. ނަޒީރު ވަނީ ވިދާޅުވެފަ އެވެ.

ޝަރުއީ ދާއިރާއިން ވަނީ އެ ދާއިރާގައި ހުރި އެއްވެސް ކަމެއް ރަނގަޅު ކުރަން ފެންނަ ނަމަ އެކަމެއް އާންމު ރައްޔިތުންނާއި ހިއްސާ ކުރުމުގެ ކުރިން އެ ދާއިރާގެ ކަމާއި ގުޅުން ހުރި ތަންތަނަށް އެކަމެއް ހުށަހެޅުމަށް ގާނޫނީ ދާއިރާގެ ބޭފުުޅުންނަށާއި މީޑިއާއަށްވެސް އިލްތިމާސްކޮށްފަ އެވެ.