އެފްއޭއެމް

ޖޫން މަހު ސީޒަން ފެށުން، ކުލަބުތަކުގެ ނިންމުމެއް!

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހުގައި ފެށުމަށް ނިންމީ ކުލަބުތަކުން އެ ގޮތަށް ނިންމުމުން ކަމަށް އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހްސާން އަބްދުލް ގަނީ 'ސާންތީ' ބުނެފި އެވެ.

ޕީއެސްއެމްގެ ޔެސް ޓީވީގެ 'ދިވެހި ފުޓްބޯޅަ' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސާންތީ ބުނީ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ތިން ގޮތަކަށް ކުލަބުތަކަށް ހިޔާލު ހުށަހެޅި ކަމަށާއި، ކުލަބުތަކުން އިހްތިރާރު ކުރީ ޖޫންގައި ސީޒަން ފެށުމަށް ކަމަށެވެ.

ކުލަބު ތަކާއެކު ބޭއްވި ބައްދަލުވުމުގައި، އެފްއޭއެމުން ހުށަހެޅި ތިން ގޮތް ތިރީގައި މި ވަނީ ތަރުތީބުންނެވެ،

  • އޭޕްރީލް މަހު ސީޒަން ފަށައި ޑިސެމްބަރަށް ސީޒަން ނިންމުމަށް
  • ޖޫން ގައި ފެށައި ޖެހިގެން އަންނަ އަހަރުގެ މާރިޗް މަހު ނިންމުމަށް
  • މާރިޗް މަހު ސީޒަން ފަށާ ގޮތަށް ނޮވެމްބަރު މަހު ސީޒަން ނިންމުމަށް

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސާންތީ ބުނެފައި ވަނީ، އެއިން ކޮންމެ ގޮތެއް ހުށަހެޅުމަށް ފަހު އެގޮތެއްގައި ހުރި ފައިދާ ތަކާއި ގެއްލުންތައް ތަފުސީލު ކޮށް ދީފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުންނާނެ އެޑްވާންޓޭޖުތަކާއި، ޑިސްއެޑްވާންޓޭޖު ބުނެދިނުމަށް ފަހު ކުލަބުތަކަށް ގޮތް ނިންމުމަށް ދޫކޮށްލާފައި،" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ. "ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންގެ ޒިންމާއަކީ މިވެނި ގޮތެއް ހަދައިފިއްޔާ މިވެނި އެހެނިހެން ވާނެ ބުނެދިނުން، މިސާލަކަށް ކުޅުންތެރިންގެ މުސާރަ ކަންތަކުގައި، އަޅުގަނޑުމެން ދެންނެވިން ކުޅުންތެރިންނަށް މުސާރަ ނުދީ ދެތިން ހަތަރު މަސް ތިބެން ޖެހޭނޭ ކިހިނެއްހޭ ކުލަބުތައް ހަދަނީ، ކުލަބުތަކުން އެކަމަށް ސޮލިއުޝަނެއް [ހައްލެއް] ދިން."

ސާންތީ ބުނެފައި ވަނީ، އޭޕްރީލްގައި ސީޒަން ފަށާނަމަ، ކައިރިކައިރީ މެޗުތައް ކުޅެން ޖެހޭނެ ކަމަށް ކުލަބުތަކަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބްރޭކުތަކުގައިވެސް ޑޮމެސްޓިކް ސިޒަންގެ މެޗުތައް ކުޅެން ޖެހޭނެ ކަމަށްވެސް ބައްދަލުވުމުގައި އެފްއޭއެމުން ހުށަހަޅާފައިވާ ކަމަށެވެ.

ޖޫންގައި ސީޒަން ފަށާނަމަ، ދެ މެޗު ދޭތެރެއިން އެކަށީގެންވާ ވަގުތެއް ކުލަބުތަކަށް ލިބޭނެ ކަމަށާއި، އަދި އިންޓަނޭޝަނަލް ބްރޭކުތައްވެސް ގައުމީ ޓީމަށް ހުސްކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ހުށަހެޅި ކަމަށެވެ.

ޖޫން ގައި ސީޒަން ފަށަން ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން ހަތް ކުލަބުން ތާއިދޫ ކުރި ކަމަށް އެފްއެމުން ބުނެފައި ވެއެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ސީޒަން ޖޫންގައި ފެށުމާ ބެހޭގޮތުން ބައެއް ކުލަބުތަކުންވެސް އަމިއްލައަށްވެސް މީގެ ކުރިން އެފްއޭއެމްއަށް ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.