ރިޕޯޓް

"ޓިކެޓު އަގުހެވި ވަރު މި އެނގުނީ ނެގީމަ"

ގައުމީ އެއާލައިން އިން ޓިކެޓްގެ އަގު ހެޔޮ ކުރުމުން އެއް ބަޔަކު ބުނީ ޓިކެޓު އަގު ހެވެއް ނުވެ އެވެ. އަނެއް ބަޔަކު ބުނީ މިއީ "އަމާ ބުނީތީ ފަރަށްދާ ގޮތަށް" ކޮށްފައި އޮތް ކަމެކޭ އެވެ. "ހަރާން- ޓިކެޓުގެ އަގު ފުކެއް ވެސް ހެވެއް ނުވެ" އޭ އެވެ. ދެން ފެށީ އާއްމު ޒުވާބެކެވެ. ސޯޝަލް މީޑިއާގައި ގައުމީ އެއާލައިނަށް އެތިވަރު ގޮވީ އެވެ. ޒުވާބު ކުރާ މީހުން އެކަން ކުރަންކޮށް ދޫކޮށްލާށެވެ. މިއަދު މިވަނީ ޓިކެޓް އަގު ހެޔޮކޮށް އަގު ހެޔޮ ޓިކެޓު ވިއްކަން ވެސް ފަށާފަ އެވެ. ޓިކެޓް ވިއްކަން ފެށުމުން މިވަނީ ވާހަކަ ވެސް ބަދަލުވެފަ އެވެ.

"ކުރިން ހީކުރީ ޓިކެޓް އަގު ހެޔޮ ނުވާ ކަމަށް. އެކަމަކު މިއަދު ޓިކެޓު ނެގީމަ ޔަގީން މި ވީ ހަގީގަތުގައި ވެސް ޓިކެޓު މިއޮތީ ހެޔޮވެފައިކަން މި އޮތީ،" އައްޑު އަށް ދާން މިއަދު ޓިކެޓު ނެގި އަހުމަދު އަލީމް ބުންޏެވެ.

ގައުމީ އެއާލައިން އިން ޓިކެޓުގެ އަގު ހެޔޮ ކުރުމާއެކު ކުރިން އައްޑޫ ގަމަށް ދެކޮޅަށް ޓިކެޓު ލިބެނީ .3،554ރ. އަށެވެ. ނަމަވެސް މިހާރު ޓިކެޓްގެ އަގު ވަނީ 2،666ރ. އަށެވެ. މި އަގު ހެޔޮ ކުރުމުން ގާތްގަނޑަކަށް 888ރ. ވަނީ ހެޔޮވެފަ އެވެ. އަދި ހުރިހާ ދާއިރާއަކުން އެވްރެޖު ގޮތެއްގައި 25-30 ޕަސެންޓު ވަރު ވަނީ ހެޔޮވެފަ އެވެ.

މޯލްޑިވިއަން އޮފީހަށް ޓިކެޓު ނަގަން ގޮސްހުރި މީހަކު މިއަދު ބުނި ގޮތުގައި ކުރިން އޭނާ އާއިލާ ގޮވައިދެން ދާނަމަ 10،662ރ. ހޭދަވެ އެވެ. ނަމަވެސް މިހާރު އަތުން ދަނީ 7998ރ. އެވެ.

"ހަގީގަތުގައި ޖީބަށް މިއައީ ވަރަށް ބޮޑު ލުޔެއް. އަސްލު މި އެނގެނީ ޓިކެޓު ނެގީމަ މިހާރު ޖީބުން އެބަ އަގު ހެޔޮވޭ 2،664ރ. ވަރު ހެޔޮވެއްޖެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަ މޫސާ ވަސީމު ވިދާޅުވީ މިހާރު ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކި ދެ ފެއާ އަގު ހެޔޮވެފައިވާ ކަމަށެވެ.

"މިހާރު އަގު ގާތްގަނޑަކަށް ތިން ގުނަ ހެޔޮވާނެ. އަގުހެޔޮ ފެއާގައި ސީޓް ލިބޭ ވަރު ވެސް އިތުރުވާނެ. އަޅުގަނޑު މި ޔަގީން ކުރަނީ އޭގެތެރެއިން އަގު ހެޔޮކޮށް ޓިކެޓް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ ޓިކެޓު އަގު ހެޔޮ ކުރުމުގެ އިތުރުން ކުރިން އަގު ހެޔޮކޮށް ކުރިން ވިއްކި ޝީޓްގެ އަދަދު 15،000 އަށް އިތުރު ވާނެ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް މިވަނީ ހެޔޮވެގެން ގޮސްފަ އެވެ. ހަމަގައިމުވެސް ޓިކެޓު އަގުހެވި ވަރު މި އެނގެނީ ޓިކެޓު ނަގަން ދިއުމުންނެވެ.