ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ މީގެ އަހަރުތަކެއް ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމު "ލީނާ"ގެ ރިލީޒް ޑޭޓް ފައިނަލް ވެއްޖެ އެވެ.
އަލްޒީނާގެ މަަރުގެ ހާދިސާއިން "އިންސްޕަޔާވެގެން" މި ފިލްމު ހަދަން ނިންމުނުން، ފިލްމު ހެދުމާ ދޭތެރޭ އަޒްލީނާގެ އާއިލާ އާ ޕްރޮޑިއުސަރުންނާ ދެބަސްވުންތަކެއް އުފެދުނެވެ. އަދި ދެބަސްވުމަށްފަހު، ފިލްމުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓި، ނާޅުވާނެ ކަމަށް ވެސް މިދިޔަ އަހަރު އަޑު ފެތުރުނެވެ. އެހެންނަމަވެސް، ފިލްމްގެ ޑައިރެކްޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒު، މުއާގެ ބެލުމުގެ ދަށުން ފިލްމުގެ މަސައްކަތްތައް ކުރިއަށް ގޮސް މިއޮތޯ ރިލީޒް ޑޭޓްވެސް ފައިނަލް ކޮށްފަ އެވެ. އޭޕްރީލް މަހުގެ 20ގައި މި ފިލްމު އޮލިމްޕަހުގައި އަޅުވާނެކަން ފިލްމުގެ ޕްރޮޑިއުސަރު ވެސްމެ މުއާ ވަނީ ޔަގީންކޮށްދީފަ އެވެ.
ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި، ޓީޒާ ޓްރެއިލާއެއް ފެބްރުއަރީ މަހު، އެކެއްގައި ނެރޭނެ ކަމަށާއި، އޭޕްރީލް މަހުގެ 20ގައި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެވޭނެ ކަމަށް މުއާ ބުންޏެވެ.
"ވަރަށް ގިނަ ދުވަހަށްފަހު ފިލްމުގެ ހަބަރެއް ބެލުންތެރިންނަށް މި ދެވުނީ، ފިލްމު ރިލީޒް ކުރާނީ އޭޕްރީލް މަހުގެ 20ގައި. ރިލީޒް ކުރުމުގެ ކުރިން ފެބްރުއަރީ އެކެއްގައި އޮފިޝަލް ޕޯސްޓަރާއި ޓީޒާ ޓްރެއިލާއެއްވެސް ދޫކުރާނަން. އަދި އޮފިޝަލް ޕޯސްޓަރަށްފަހު، ފިލްމުގެ އަޕްޑޭޓެޑް ފޮޓޯތައްވެސް ފޭސްބުކް މެދުވެރިކޮށް ގެނެސްދެވޭނެ" މުއާ ބުންޏެވެ.
ފިލްމު ލީނާގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. އައްޒަ އަށް ލީޑު ހަވާލު ކުރުމުން، މި ފިލްމުގައި އޭނާއަށް "އަޒްލީނާ" ދައްކާލެވޭނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ. އަޒްލީނާގެ ރޯލުން އައްޒަ ފެންނައިރު އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަދި އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ.
މުއާގެ ޕްރޮޑަކްޝަންއަކަށް ހަދާ މި ފިލްމުގައި، އެސިސްޓަންޓް ޑައިރެކްޓަރަކީ ނިމާލެވެ.
ފާޑުކިޔުންތަކަށްފަހުވެސް، ފިލްމު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެކަމުގެ ޔަގީންކަން މީގެ ކުރިންވެސް، މުއާ ވަނީ ދީފަ އެވެ. ފިލްމަށް ދެން އޮތީ ދުވަސްކޮޅެކެވެ.