ހަބަރު

ކޮމިޝަނުން އެމްއެމްޕީއާރްސީ މައްސަލަ ބަލަން ފަށައި، މައުލޫމާތު ހިއްސާކުރަން އެދެފި

ދައުލަތުގެ ތެރެއިން ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.

މިއީ އެ ކޮމިޝަނުން ބަލަން ފެށި ފުރަތަމަ މައްސަލަ އެވެ.

މިއަދު އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެކަމަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަނާ ހިއްސާކޮށް ދޭން ވަނީ އެދިފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ރިޔާސީ ކޮމިޝަނުން ބަލަން ފަށާފައިވާއިރު، އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވެސް ތަހުގީގު ކޮށްފައިވާ މައްސަލައެކެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލާގެ ރިޕޯޓެއް އާންމެއް ނުކުރެ އެވެ.

އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިނގާފަ އެވެ.

އެ މައްސަލާގެ އޭސީސީގެ ތަހުގީގަށްފަހު، ބައެއް މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އަދި އެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި އެވެ.

އޭގެ ކުރިން ފުލުހުން ތަހުގީގު ކުރުމަށްފަހު ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކެއްގައި އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރި އެވެ. އަދި ކުށް ސާބިތުވެފައިވެސްވެ އެވެ.

ދައުލަތް ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ހައްގު އަދަބު ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް އަމާޒުވި ސަރުކާރެކެވެ.