ގިނަ ސްކޫލްތަކެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ. އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރު ފަށާއިރު 100 އަށްވުރެ ގިނަ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އެވެ.
ސްކޫލްތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައާރަފު ކުރެއްވި ސިޔާސަތަކެވެ. ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން ވަނީ އެއް ދަންފަޅިއަށް ބަދަލުކުރި ސްކޫލްތައް ވެސް ކުރިން އޮތް ގޮތަށް ދެ ދަންފަޅިއަށް ބަދަލު ކޮށްފަ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރަން ނިންމަވާފަ އެވެ. އެކަމަށްޓަކައި ސްކޫލްތަކުގެ އޮޑިޓެއް ހެދުމަކީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދެކެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުތަކުގެ 213 ސްކޫލްގެ ތެރެއިން 134 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށެވެ. ބާކީ 79 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހާލަތު ދެނެގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއީ ކޮން ސްކޫލްތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ހާލަތު ދެނެގަތުމުގެ މަސައްކަތް ނިމި ވަކި މުއްދަތެއްގައި ތެރޭގައި ހުރިހާ ސްކޫލެއް ވެސް އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.