ރިޕޯޓް

އައިޝާއަށް މިކަން ވާނެ!

ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ކުރު ތައާރަފެކެވެ؛ އައިޝާއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަބިކަނބަލުންނެވެ. ފަސް ކުދިންގެ މަންމަ އެކެވެ. އެއްކޮޅުގައި އޮތީ އާއިލީ ޒިންމާ އެވެ. އަނެއްކޮޅުގައި އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. މި ކުރު ތައާރަފު ފުރަތަމަ އާއްމުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާއާ "ދިމާކޮށްލި" ބަޔަކު އުޅެ އެވެ. މިއާއެކު ފެނިގެން ދިޔައި ސިޔާސީ ވާދަވެރި ކަމުގެ ތެރޭގައި އުފެދުނު "ޒާތީ ޕޮލިޓިކްސް" ގެ ބޮޑެތި ރާޅުތައް އެކަމަނާއާ ދިމާލަށް ބިންދަން ފެށިތަނެވެ. ފާޑު ކިޔައިލީ އަމަށަކު ވަރަކަށް ނޫނެވެ. އެކަންވެސް އޮތީ ޒާތީ ދިރިއުޅުމުން ފެށިގެން ނަން ހުސްކޮށެވެ.

އެކަމަނާ އެ އިންނެވީ ވަރަށް "ހޫނު ގޮނޑި" އެއްގަ އެވެ. އެކަމަނާ ވަޒީރުކަން ކުރައްވާ ޓްރާންސްޕޯޓާ ގުޅުން ހުރި ދާއިރާތަކުގައި މައްސަލަތައް ހުރީ ބަޔަކަށް ފާޑު ނުކިޔޭނެ ވަރަކަށްވެސް ނޫނެވެ. އެހެންވެ، ގިނަ ބަަޔަކު ބުނަމުން ދިޔައީ މި މިނިސްޓަރު އައިޝާ އަށް މައްސަލަތައް ފުނިޖެހިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީ ނުހިންގޭނެއޭ އެވެ. އަދި އަމުދުން އެ ތަން ހިންގުމުގެ ކުޅަދާނަ ކަމެއް ވެސް އެ ކަމަނާގައި ނުހުންނާނެއޭ އެވެ. ސަބަބަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޒިންމާ މަތިވުމެވެ. މަގު މަތީގެ މައްސަލަތަކާއި ބާރު ބޮޑު މާލޭގެ ޓްރެފިކްގެ ކާރޫބާރޫގެ ދަތިކަމެވެ. އަނެއްކޮޅުގައި ތިބީ "ބޯހަރު" ޓެކްސީ ދުއްވާ މީހުންނެވެ. އެމީހުން ބޭނުންވާ ގޮތް ނޫން ގޮތެއް ބޭނުން ނުވުމުގެ ދިގު ތާރީހެއް އޮތް ބައެކެވެ. ޓެކްސީ ދުއްވާ މީހުންގެ ބޯހަރުކަން ފެށިގެން އަންނަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމާ ހަމަ އިންނެވެ. އަދި މި ޓެކްސީ ޑްރައިވަރުންގެ ކާރު ފޮރޮޅު ދަށުގަިއ "ތާށިނުވާ" ސަރުކާރެއް ރާއްޖެއަކަށް ނާދެ އެވެ. މައިގަނޑު އެއް ސަބަބަކީ މި އެވެ. އެހެންވެ، މިނިސްޓަރު އައިޝާ އަށް ގިނަ ބަޔަކު ތިބީ ހިތުގެ އަޑިން ގަބޫލު ކޮށްގެންނެވެ.

އެކަމަކު، ފާޑު ކިޔަމުން ދިޔަ މީހުންނާ މުހާތަބުކޮށް 22، ނޮވެމްބަރު 2018 ގައި ވަނީ ވާހަކަ ދައްކާފަ އެވެ. އެކަމަކާ ވިދާޅުވެފައިވަނީ ފާޑު ކިޔުން ބަލައި ގަންނަ ކަމަށާ މަރުހަބާ ވެސް ކިޔާ ކަމަށެވެ.

"ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފާޑު ކިޔުން އަންނާނެ. އޭގެ ޕޮސިޓިވް އާއި ނެގެޓިވްއާ ވެސް ހިމެނޭނެ، ނެގެޓިވް ފާޑު ކިޔުންތަކަކަށް ފޭސްކޮށްގެން ކަންނޭނގެ ރައްޔިތުންނަށްޓަކައި ކަމެއް ރަނގަޅު ކުރަން މައްސަލަތައް ދެނެގަނެވޭނީ، އެހެންވެ އެ ބޭފުޅުންގެ ވިސްނުމަށް ހަމަ އަޅުގަނޑު މަރުހަބާއޭ ދަންނަވާނީ،" ނަހުލާ ވިދާޅުވި އެވެ.

މިއީ، އެކަމަނާގެ ފުރަތަމަ ސްޓޭޓްމަންޓެވެ. ވިސްނުން ހުރީ "ޕޮޒިޓިވް ވައިބް" އެއްގައިކަން މި ވާހަކައިން ވެސް އެނގެ އެވެ. މިއާއެކު ދެން ފެނިގެން ދިޔައީ އަސްލު މައްސަލަތަކާ ކުރިމަތިލެއްވި ތަނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "100 ދުވަހު" ގެ ވައުދު އިއުލާނު ކުރުމާއެކު އެ ވައުދުތައް ފުއްދަވަން ނުކުންނެވި އެވެ. "އަވަސް" އިން ނެރުނު "ވައުދު ޓްރެކު" ޕޭޖު ބަލައިލުން މިހާރު ވެސް އެންމެ ކުރީގައި އޮތީ އެކަމަކާގެ މިނިސްޓްރީ އެވެ. މިކަމުގައި ވެސް އެހެން މިނިސްޓަރުން ނަށް ވުރެ ހީވާގިކަން ދެއްކެވިތަން ދަނީ ފެންނަމުންއެވެ. އެގޮތުން މާލެ ބަނދަރުގައި ހުރި ދަތިކަން އަމިއްލަ އަށް ތަޖުރިބާ ކުރައްވަން ފަޅުއޮޑި ފަހަރަށް އެރުއްވި އެވެ.

ވައުދު ފުއްދަވަމުން ވަޑައިގަންނަވަނިކޮށް ޓެކްސީވެރިންނާ ހަމަ އަށް ދެއްވިއްޖެ އެވެ. މިއީ ޓްރާންސްޕޯޓު މިނިސްޓްރީގައި އޮތް އެންމެ ބޮޑު ޝަކުވާ އެވެ. އާއްމުންގެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ. މި މައްސަލަ ބޮޑުވި އަނެއް ކަމަކީ ބްރިޖުން ހުޅުމާލެ އަށް ދާން 100ރ. ނެގުމެވެ. އެކަން ހައްލު ކުރަން ފުރަތަމަ ކުރެއްވި މަސައްކަތުން ޓެކްސީ ޑްރައިވަރުންގެ ނުރުހުން އަމާޒުވި އެވެ. އެހެންވެ، ޓެކްސީ ވެރިންނާއާއި އާއްމުން ހިމެނޭ ގޮތަށް ފޯރަމެއް ބޭއްވި އެވެ. ފޯރަމް އަށް ފަހު އިއްޔެ އެވަނީ ގިނަ މަސައްކަތްތަކެއް ކުރާނެކަން އިއުލާނުކޮށްފަ އެވެ. އެންމެ ހާއްސަ އެއް ނިންމުމަކީ "ޓެކްސީ މީޓަރު" ހަރު ކުރުމެވެ. ސުވާލަކީ މިފަހަރު ޓެކްސީ ޑްރައިވަރުން ހަދާނީ ކިހިނެއް ހެއްޔެވެ؟

މިނިސްޓަރު އައިޝާ މިއަދު ނިންމެވި އަނެއް ނިންމުމަކީ އެންމެންގެ ސަލާމަތަށް އަޅާ ފިޔަވަޅެވެ. އެއީ ހެލްމެޓް އަޅަން މަޖުބޫރު ކުރުމެވެ. މާޗް 10، ގެ ފަހުން ހެލްމެޓް އަޅައިގެން ނޫނީ ހުޅުމާލެ ހައިވޭއަކަށް ނޭރޭނެ ގޮތަށް ނިންމުމެވެ. ސުވާލީ މި ގަވާއިދު ތަންފީޒު ކުރެވޭނެ ހެއްޔެވެ؟

"މަޖުބޫރު ވާނެ ވާހަކަ މި ދެންނެވީ. މަޖުބޫރުވުމަކީ މަޖުބޫރު ކަމެއް ނުކޮށްފި ނަމަ ގާނޫނާ ގަވައިދުގެ ދަށުން އެބަޔަކަށް ލިބެން ޖެހޭ އަދަބެއް ވެސް ލިބެން ޖެހޭނެ. އެހެންވީމާ ހަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅޭނެ،" މިނިސްޓަރު ނަހުލާގެ ޖަވާބު ސީދަލެވެ.

ކޮންމެއަކަސް އެހެން މިނިސްޓަރުންނާ، ޓްރާންސްޕޯޓް މިނިސްޓަރު މި ފެންނަނީ ތަފާތު ކޮށެވެ. ކުރިން މަޑުމޮޅިކޮށް، ފޮރުވިގެން ހިންގި މިނިސްޓަރު އާ މިނިސްޓަރު އައިޝާ ހުޅުވާލައިފި އެވެ. އަދި މި، މިނިސްޓްރީގެ އިންޖީނު މި ފެންނަނީ މެކުޖަށް ޖަހާފައިވާ ތަނެވެ. އެހެންވެ ބުނެވޭނީ އައިޝާއަށް ހަމަވާނެ އެވެ.