ހަބަރު

ޓީޗަރުންނާއި ވަސީލަތްތަކާއެކު އާ އަހަރަށް ފުރިހަމައަށް ތައްޔާރު

Jan 10, 2019
3

އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރު ފަށާއިރު ހުރިހާ ގޮތަކުން އޮތީ ތައްޔާރުވެފަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ 213 ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި ވަސީލަތްތައް ހަމަ ކަމަށެވެ. ޓީޗަރުންގެ ތެރޭގައި ހިމެނޭ ބައެއް ބޭރު ޓީޗަރުން ރާއްޖެ އައުމުގެ މަގުމަތީ ތިބިކަން ފާހަގަ ކުރެއްވި އެވެ.

ވަސީލަތައް ހަމަ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ބައެއް ސްކޫލްތަކަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބޭ މައްސަލަ ބެލެނިވެރިން ދަނީ ފާހަގަކުރަމުންނެވެ. އިއްޔެ އެ ޝަކުވާ ވަރަށް ބޮޑުވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަންކަން ހަމަޖެހޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ސްކޫލްތަކަށް މިހާރު ވެސް ފޮތްތައް ދޫކޮށްފައިވީ ނަމަވެސް، މީގެކުރިން ވެސް ހަމަޖައްސާފައިވާ ގޮތުން ފޮތްތައް ދޫކުރާނީ ކިޔެވުން ފެށޭ ދުވަހު ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސްކޫލް ބަންދުވިިއިރު ނިމިގެންދިޔަ ސަރުކާރުން އެކުލަވާލި ޕްލޭންގައި އޮތް ގޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ އެގޮތަށް އަމަލު ކުރަން މި ސަރުކާރުން ވެސް ނިންމީ ކަމަށެވެ.

ސްކޫލްގެ ކިޔެވުން ފެށޭ ދުވަހު ހުރިހާ ފޮތްތަކެއް ވެސް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ވަނީ ދެއްވާފަ އެވެ.

އެކްޓިވިޓީ ޔުނީފޯމް ލިބުން ލަސްވާ މައްސަލަ ވެސް ބަލަމުންދާ ކަމަށާއި ސްކޫލްތަކުން ނިންމާ އޮތީ އެ ޔުނީފޯމް އެކި ތާރީހުތަކުގައި ބޭނުން ކުރަން ފަށާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ތާރީހުތަކަށް އެ ޔުނީފޯމްތައް ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.