ލައިފްސްޓައިލް

ހުރިހާ މާމައިންނަށް ސާބަސް!

މާމައިންނަކީ ފިސާރި ބަޔެކެވެ. އެއް ޖެނެރޭޝަން ބަލައި ބޮޑު ކުރުމަށްފަހު ދެވަނަ ޖެނެރޭޝަން އާއި ހަވާލުވުމުން، އެ މިހުންގެ ގައިން ދިރިއުޅުމެއް ހޯދަން ކުރި މަސައްކަތުގެ ދާ ފޮހޮލުމަށްފަހު ހިންދަމާލަން ވަގުތުކޮޅެއް ހަމަ ކިރިޔާ ލިބުނު އިރަށް އަދި އަނެއްކާ އެހެން ކުދިބަޔަކަށް ތަރުބިއްޔަތު ކުރަން ހަވާލުވުން މިއީ ހަމަ މާމައިންނަށް ސެލިއުޓް ހައްގު ކަމަކެވެ.

މަންމައިންނަށް ވެސް ދަރިން ބަލައި ތަރުބިއްޔަތު ކުރުމުގައި އެއްވެސް ހާސް ކަމެއް ނެތި މާމައާ ކުދިންކޮޅު ހަވާލު ކޮށްލެވެނީ، ކުދިންގެ ކަންތައްތަކުގައި މަންމައަކު ދޭ އަހައްމިއްޔަތާއި އެއްވަރަށް މާމައިން ހަރަކާތްތެރިވާތީ އެވެ. މަންމަމެން މަސައްކަތަށް ދާނަމަ އަދި މި މާމައިންގެ އެހީ މާމަދަރިން ބެލުމުގުގައި ލިބޭވަރު ބޮޑެވެ.

އާއިލާއެއްގެ އުފާވެރިކަމަކީ އެ އާއިލަގެ އެންމެންނަށް ވެސް ލިބޭ އުފަލެވެ. މާމައިން ކުރާ މަސައްކަތުގެ ހިއްވަރާއި އަގު ވަޒަން ކުރަންވީ އެ މާމައެއްގެ އުފަން ދަރިންނެވެ. އެ ކުދިން ބަލަންވީ މާމައިންނަށް ވީހާވެސް ލުއި ގޮތަކަށް ކަންކަން ރާވައި އިންތިޒާމު ކުރުމަށެވެ. މާމައިން އުފަލުން މާމަދަރިންގެ ކަންތައް ކުރިޔަށް ނުވަތަ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެނޫން ގޮތެއް ނެތިގެން ކުދިން ބެލުން މާމައިންނާ ހަވާލު ކުރިކަމުގައިވިއަސް މެއެވެ.

އުމުރުން 50 އަށް ވުރެ މައްޗަށް ގޮސްފައިވާ މާމައިން އެމީހުންގެ ރަށްޓެހިންނާއި ބައްދަލު ކުރުމަށް ފުރުސަތު ދޭން ޖެހެއެވެ. އުމުރުން މަތީ މީހުން ރަށްޓެހިންނާއި ބައްދަލުކޮށް އިޖުތިމާއި ގުޅުން ބަދަހި ކުރާނަމަ އެއިން ފައިދާތަކެއް ކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މި މާމައިން އެ މިހުންގެ ލޮލުގެ ނޫރު ފަދައިން ގެންގުޅޭ މާމަ ދަރިންނާ އެއްވަރަށް ކުޅުމުގައި މަޖާ ކުރަން އެމީހުންނަކީ ފިޓު ބަޔަކަށް ވާންޖެހެ އެވެ. އެހެން ކަމުން އުމުރުން ދޮށީގެ މީހުން ދާ ކާހަލަ ޔޯގާ ކްލާހަށާއި ހިގަން ދިއުމާއި ފަތަން ދިއުން ފަދަ ކޮންމެވެސް ހަރާކާތެއްގައި މާމައިން ޝާމިލުވުމަށް އެއްބާރުލުން ދޭން ޖެހެ އެވެ. މިފަދަ ކްލާހަކަށް މާމައިން ފޮނުވުމަށް ހިތްވަރު ދޭން ވާނެ އެވެ.

ޑޮކްޓަރަކު ސޯޝަލް މީޑިއާގައި މާމަ ކުދިންތޯ މުހިއްމީ ނުވަތަ އަމިއްލަ ސިއްހަތުތޯ މުހިއްމީ ކުރި ސުވާލަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެގެން ދިޔައެވެ. އަދި ބައެއް މަންމަމެން މާމަ ކުދިން ހަވާލު ކުރަނީ އެހެން ގޮތެއް ނެތިގެނެވެ. އަނެއްބައި މަންމައިން ދަރިން ބެލުން ހަވާލު ނުކުރާ ކަމަށް ބުނެ އެވެ. މި ދެގޮތަށް ވެސް ކޮމްންޓުތައް އޮހިގެން ދިޔައެވެ.

މިއީ ވަރަށް ގިނަ ބަޔައްގެ ސަމާލުކަން މިކަމަށް ހުއްޓިގެން ދިޔަ ކަމެކެވެ. މަންމަމެން ވިސްނަންވީ މާމައިން ގެ ގައިގާ ޒުވާން ދުވަސްވަރު ހުރި ހަކަތަ ނުހުރެދާނެތީ ލުއި ފަސޭހަ ކޮށްދެވޭތޯ އެވެ. އަދި މާމައިން އެމީހުން ގެ އަމިއްލަ އިސް ނެގުމާއެކު ކުދިންގެ ކަންކަމާއި ޝާމިލުވެގެން އުޅޭނަމަ މާ ވަރަކުން ނޫޅެ، ސިއްހީ ހާލަތާއި ހަށިގަނޑަށް ކެރިކުޅަދާނަ ހުރި މިންވަރަކުން އުޅުމަކީ ބުއްދިވެރި ގޮތެކެވެ.

މީގެ އިތުރުން، ކުދިންވެސް އެކުދިންގެ މާމައިންނާއެކު ވަގުތު ހޭދަ ކުރާނަމަ މަމާއިންގެ ފަރާތުން އާއިލާގެ ސަގާފަތްތަކާއި އާދަކާދަތަށް ދަސް ކުރުމަށް ފުރުސަތު ލިބެއެވެ. އަދި މީގެ އިތުރުން އާއިލީ ގުޅުން ބަދަހިވެ ކުއްޖާއަށް ހުނަރުތަކަކާއި ރިވެހި އާދަތަކާއި އުސޫލްތަކެއް މާމާއިންގެ ފަރާތުން ދަސްވެއެވެ. އަދި މާމައިންނަށްވެސް ކުދިންގެ ފަރާތުން ކަންކަން ދަސްވެއެވެ. ގިނަ މާމައިން އިނގިރޭސި ބަސްބަސް ގެ އިތުރުން ޓެކްނޮލޮޖީއާއި ރައްޓެހި ބަޔަކަށްވެ އައިޕެޑް އަދި ސްމާޓް ފޯނު ކުޅެނީ އެމީހުންގެ ލޯބި ލޯބި މާމަ ކުދިންގެ އެހީތެރިކަމާއި އެކުއެވެ.