ދުނިޔެ

އެމެރިކާ: ފާރަށް ބަޖެޓު ހޯދަން ކުއްލި ހާލަތު އިއުލާނުކޮށްފާނެ ކަމުގެ އިންޒާރު

Jan 11, 2019
1

ވޮޝިންގްޓަން (ޑިސެމްބަރު 11) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދަންޖެހިދާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

"އަޅުގަނޑަށް ފުރިހަމަ ހައްގު ލިބިގެންވޭ ކުއްލި ހާލަތު އިއުލާނުކުރަން،" މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި ބޭއްވޭ ހަފްލާއެއްގައި ބައިވެރިވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އަދި ރިޔާސީ ކެމްޕެއިން ދުވަސްވަރު ވިދާޅުވި ގޮތާއި ހިލާފަށް، މިއަދު ޓްރަމްޕް ވިދާޅުވީ އެ ފާރަށް "ނުސީދާކޮށް" ހަރަދުކުރާނީ މެކްސިކޯ ސަރުކާރުން ކަމަށެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ 20 ދުވަސްވެފައިވާއިރު، އެތަކެއް އަހަރެއް ސަރުކާރު ހުއްޓިފައި ބާއްވަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، 800،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ މުސާރަނުދެވި އެވެ.

އަދި ފާރު މަޝްރޫއަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި، ބަޖެޓު ތަސްދީގު ކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

މިޑް ޓާމް އިލެކްޝަނުގެ ކާމިޔާބީއަށްފަހު ހައުސްގެ މެޖޯރިޓީ ހޯދި ޑިމޮކްރެޓުން ބުނަނީ، އެ ފާރަކީ ބޭކާރު ހަރަދެއްކަމަށާއި، އިންސާނިއްޔަތާވެސް ހިލާފުކަމެއް ކަމަށެވެ.

ކުއްލި ހާލަތްތަކުގައި، އަސްކަރީގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބާރު ސީދާ ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ހުދު އެމަނިކުފާނު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.