ހަބަރު

އެންމެ ކުޑަ އާމްދަނީއެއް އައިޝާއަށް، މަލީހުގެ ބޮޑު ދަރަންޏެއް

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ މާލީ ބަޔާން ރޭ އާންމުކޮށްފައިވާއިރު އެންމެ ބޮޑު ދަރަންޏެއް އޮތް މިނިސްޓަރަކީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މަލީހުގެ މާލީ ބަޔާނުގައިވާ ގޮތުން އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 5.7 މިލިއަން ރުފިޔާގެ ދަރަންޏެއް އޭނާގެ އެބަ އޮތެވެ. އޭނާގެ އާމްދަނީގެ ގޮތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބޭ 720،000 ރުފިޔާ އެވެ. އޭގެ އިތުރުން އަގު ތިން މިލިއަން ރުފިޔާއަށް އަރާ ކުންފުންޏަކާއި އަށް ލައްކަ ރުފިޔާއަށް އަރާ ފިހާރައެއް މަލީހުގެ މިލްކިއްޔާތުގައިވެ އެވެ. އެމްޓީޑީސީގެ ހިއްސާއިން 16،500 ރުފިޔާ ވެސް އޭނާގެ މިލްކިއްޔާތުގައި އެބަ ހުއްޓެވެ.

ދެން އެންމެ ބޮޑު ދަރަންޏެއް އޮތީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އެވެ. އޭނާގެ އިސްލާމިކް ބޭންކުން ނަންގަވާފައިވާ ހައުސިން ފެސިލިޓީ އަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭނާގެ މިލްކިއްޔާތުގައި މުސާރައިގެ ގޮތުގައި ލިބިފައިވާ 390،000 ރުފިޔާ އެބަ ހުއްޓެވެ. މުދަލެއް ނެތެވެ.

މަލީހާއި އަމީންގެ ދަރަނި އެންމެ ބޮޑުއިރު މިލްކިއްޔާތުގައި އެންމެ ކުޑަ އާމްދަނީއެއް ހުރީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ނަހުލާގެ މިލްކިއްޔާތުގައި ހުރީ ހަމައެކަނި އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުން ލިބިފައިވާ 2،443 ރުފިޔާ އެވެ. މުދަލެއް އަދި ދަރަންޏެއް ވެސް އޭނާގެ ނެތެވެ. ނަހުލާއަކީ މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެހެން ވަޒީފާއެއް އަދާ ކުރެއްވި ބޭފުޅެއް ނޫނެވެ.

ހައުސިން މިނިސްޓަރު އާތިފާ ޝުކޫރުގެ މިލްކިއްޔާތުގައި ވެސް މުދަލެއް ނެތެވެ. ދަރަންޏެއް ވެސް ނެތެވެ. އޭނާގެ ހުރީ ލިވިން އެލަވެންސްގެ ގޮތުގައި ލިބިފައިވާ 90،000 ރުފިޔާ އެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ މިލްކިއްޔާތުގައި ވެސް މުދަލެއް އަދި ދައްކަން ޖެހޭ ދަރަންޏެއް ނެތެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 240،000 ރުފިޔާ އެކަންޏެވެ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ މިލްކިއްޔާތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 126،000 ރުފިޔާ އެކަންޏެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ މިލްކިއްޔާތުގައި ވެސް މުދަލެއް އަދި ދައްކަންޖެހޭ ދަރަންޏެއް ނެތްއިރު ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 114،000 ރުފިޔާ އެކަންޏެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އާމްދަނީގެ ގޮތުގައި ވެސް ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 844،710 ރުފިޔާ އެކަންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ވެސް އެއްވެސް ދަރަންޏެއް ނެތެވެ. އޭނާގެ މިލްކިއްޔާތުގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބިފައިވާ 354،000 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި ލިބިފައިވާ 120،000 ރުފިޔާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 25 އަހަރު ހޭދަ ކުރެއްވި ޝާހިދުގެ މިލްކިއްޔާތުގައި ވިޔަފާރީގެ ފައިދާއިން ލިބިފައިވާ 2.3 މިލިއަން ރުފިޔާ އާއި ހ. ރަބީއީމަންޒިލާއި އިނގިރޭސިވިލާތުން ބައްލަވައިގެންފައިވާ ގެއަކާއި ކާރެއް ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އާމްދަނީގެ ގޮތުގައި ހުރީ ގޭގެ ކުލީގެ ގޮތުގައި ލިބިފައިވާ 390،000 ރުފިޔާ އާއި ކޮންސަލްޓެންސީ ފީގެ ގޮތުގައި ލިބިފައިވާ 2،331 ޑޮލަރެވެ. އޭނާގެ ދަރަންޏެއް ނެތްއިރު މިލްކިއްޔާތުގައި މ. އިހަލި އާއި 56،008 ރުފިޔާގެ ސައިކަލެއް އެބަ ހުއްޓެވެ. އޭގެ އިތުރުން ދިރާގުގެ ހިއްސާއިން 298 ރުފިޔާ އާއި އެސްޓީއޯގެ ހިއްސާއިން 550 ރުފިޔާ އާއި ބީއެމްއެލްގެ ހިއްސާއިން 550 ރުފިޔާ ވެސް އެބަ ހުއްޓެވެ.

ޓޫރިޒަމް މިނިސްޓަރުގެ މިލްކިއްޔާތުގައި ކުލީގެ ގޮތުގައި ލިބިފައިވާ 150،000 ރުފިޔާ ހިމެނޭއިރު ހުޅުމާލެއިން ބައްލަވައިގެންފައިވާ "ލޮޓް 11052" ގެ ވެސް މިލްކިއްޔާތުގައި ހިމެނެ އެވެ. އެ ގޭގެ އަގަކީ 5،400،000 ރުފިޔާ އެވެ. އަލީ ވަހީދުގެ ވެސް ދަރަންޏެއް ނެތެވެ. ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ވެސް ދަރަންޏެއް ނެތެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 422،923 ރުފިޔާ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވާ 75،000 ރުފިޔާ އާއި 85،000 ރުފިޔާގެ ސައިކަލެކެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މިލްކިއްޔާތުގައި ހުރީ 2،500،000 ރުފިޔާގެ އަގުގެ ހުޅުމާލޭގެ އަމީން އެވެނިއުގެ އެޕާޓްމަންޓަކާއި 50،000 ރުފިޔާގެ ސައިކަލެވެ. އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ މިލްކިއްޔާތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައިވާ 60،000 ރުފިޔާ އާއި 10،000 ރުފިޔާގެ ސައިކަލަކާއި 25،000 ރުފިޔާގެ ސައިކަލެކެވެ. އޭނާގެ ލޯނެއް އެބަ އޮތެވެ. އެއީ ބީއެމްއެލް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ 2،664 ޑޮލަރެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މިލްކިއްޔާތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިފައިހުރި 188،892 ރުފިޔާ އާއި 55،000 ރުފިޔާގެ ސައިކަލެކެވެ. ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް 84،065 ރުފިޔާ ދައްކަން ޖެހެ އެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ މިލްކިއްޔާތުގައި ފިހާރައެއްގެ ކުލީގެ ގޮތުގައި ލިބިފައިވާ 210،000 ރުފިޔާ އެބަ ހުއްޓެވެ. ފިހާރައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަން ޖެހޭ 533،544 ރުފިޔާގެ ދަރަންޏެއް އެބަ އޮތެވެ. ނަމަވެސް އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއަށް މުސާރައިގެ ގޮތުގައި 190،080 ރުފިޔާ ލިބިފައިވެ އެވެ. އޭގެ އިތުރުން މިލްކިއްޔާތުގައި އަގު 431،077 ރުފިޔާއަށް އަރާ ހުޅުމާލޭގެ ފްލެޓެއް އެބަ ހުއްޓެވެ. އޭނާގެ ދަރަންޏެއް ވެސް އެބަ އޮތެވެ. އެއީ ބީއެމްއެލްއިން ނަގާފައިވާ ލޯނަކާ ގުޅިގެން ދައްކަން ޖެހޭ 356،565 ރުފިޔާ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް މުސާރައިގެ ގޮތުގައި 457،150 ރުފިޔާ ލިބިފައިވެ އެވެ. އަދި، ކޮންސަލްޓެންސީ ފީ ގެ ގޮތުގައި 396،508 ރުފިޔާ ވެސް ލިބިފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. ފައްޔާޒުގެ ވެސް ދަރަންޏެއް އެބަ އޮތެވެ. އެއީ އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 55،655 ރުފިޔާ އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ މިލްކިއްޔާތުގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި ލިބިފައިވާ 3.1 މިލިއަން ރުފިޔާ އެބަ ހުއްޓެވެ. އަސްލަމްގެ މުދަލެއް ނެތްއިރު ބޮޑު ދަރަންޏެއް އެބަ އޮތެވެ. އެއީ އެޗްޑީއެފްސީއިން ދެވަނަ ފަރާތެއްގެ ގޮތުން ނަގާފައިވާ ތިން ލޯނަކަށް ދައްކަން ޖެހޭ 3.7 މިލިއަން ރުފިޔާ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މިލްކިއްޔާތުގައި މުސާރައިގެ ގޮތުގައި ލިބިފައިވާ 339،787 ރުފިޔާ އެބަ ހުއްޓެވެ. އޭގެ އިތުރުން ދިރާގުގެ ހިއްސާއިން ލިބިފައިވާ 2،952 ރުފިޔާާ އާއި އެސްޓީއޯގެ ހިއްސާއިން ލިބިފައިވާ 5،000 ރުފިޔާ އާއި 51،650 ރުފިޔާގެ ސައިކަލަކާއި 35،000 ރުފިޔާގެ ސައިކަލެއް އެބަ ހުއްޓެވެ. އޭގެ އިތުރުން ދިރާގުގެ 250 ހިއްސާ އާއި އެސްޓީއޯގެ 100 ހިއްސާ އާއި ބީއެމްއެލްގެ 70 ހިއްސާ އާއި އެމްޓީޑީސީގެ 11،000 ހިއްސާ އޭނާގެ އަތުގައި އެބަ ހުއްޓެވެ.

ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.