ދިޔާނާ ސައީދު

މަޖިލީހުން "ނޮޅަން" ދޫކޮށް ކަންކުރެވި ގޮތް ހުތުުރު: ދިޔާނާ

ވަޒީރު ކަމުނުދާ ނަމަ ވަކިކުރަންވާނީ ރީތިކޮށް ކަމަަށާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމުގައި އަމަލުކުރީ ހުތުރުކޮށް ކަމަަަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މަލީހުގެ މައްޗަށް ތުހުމަތުކޮށް އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕީޖީ މެންބަރުން ވިދާޅުވާތާ ކިތަންމެ ދުވަހެކެވެ. އެ މައްސަލާގައި ރައީސްގެ ލަފަޔަށް އެދުނު ނަމަވެސް އެ ކަމަަށް ޖަވާބެއް ނުދެއްވާ އެތަށް މަހެއް ހޭދަ ކުރެެެއްވިއެވެ. އަދި ޕީޖީ މެންބަރުންނާއި މަލީހުއާ ދެމެދު ސޯޝަލް މީޑިއާގައި ހޫނު ބަހުސްތައް ހިނގަމުންދިޔައިރު ރައީސް އެކަމާ ގުޅޭގޮތުން ބަހެއް ބުނަން ދެކޮޅު ހެއްދެވިއެވެ.

އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު މަލީހުގެ އިތުބާރު ނެތް ކަމަށް 59 މެންބަރުންގެ ވޯޓާއެކު ފާސްކޮށް މަގާމުން ވަނީ ދުރުކޮށްފައެވެ. ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވަނީ އެމްޑީޕީގެ މެންބަރުންގެ ތުހުމަތުތަކަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ. ރައްދުގައި ދެއްކި ބައެއް ވާހަކަފުޅާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަލީހު، މަޖިލީސް މެންބަރުންނަށް ބިރުދެއްކެވި ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާނެ ކަމަަށް އިންޒާރު ކުރައްވާފައެވެ. އެކަމާ ގުޅިގެން މަލީހު ވަނީ ރިޔާސަތުން އޭނާއަށް ބިރުދެއްކި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ސައީދު ވަނީ މަލީހު އޮއްގާ އުއްކަވަނީ ނުބައި ރައީސަކަަށް ކަމަށް ވިދާޅުވެފައެވެ. އަދި މަލީހު އިންނެވީ ރައީސް ނަޝީދުގެ ކެބިނެޓްގައި ނަމަ މަލީހު ދިފާއުގައި ހުރިހާ ގަލެއް ފުރޮޅުއްވާނެ ކަމަަށް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ކުރެއްވި ގޮތް ވަރަށް ހުތުރު. ވަޒީރު ކަމުނުދާނަމަ ވަކިކުރަންވާނީ ރީތިކޮށް. މަޖިލިސް އިން ‘ނޮޅަން’ ދޫކޮށް ނުލައްވާ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރައީސް ސޯލިހުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ އެމަނިކުފާނުގެ ކެބިނެޓް މެންބަރަކު މަޖިލިސް އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލެއްވުމަކީ އުސޫލެއްގެ ގޮތުން ވަރަށް ދެރަވަރު ކަމެއް ކަމަަަށެވެ. އެކަމަނާ ވިދާޅުވީ ވަޒީރަކާމެދު ދެކޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސަރުކާރުގެ އިތުބާރާމެެދުވެސް ނެގޭ ވޯޓެއް ކަމަަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައީސްގެ ކެބިނެޓް މެންބަރަކު މަޖިލިސްގެ އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލުމަކީ އުސޫލެއްގެ ގޮތުން ދެރަވަރު ކަމެއް. ވަޒީރަކާމެދު ނެގޭ ނޯ ކޮންފިޑެންސް ވޯޓަކީ ސަރުކާރާމެދުވެސް ނެގޭ ނޯ ކޮންޑިފެންސް ވޯޓެއް
ދިޔާނާ ސައީދު | ކުރީގެ ބަންޑާރަ ނާއިބު

މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވަޒީރުންގެ މަޖިލީހުގެ ފަސް ބޭފުޅަކު ވަނީ މަގާމުން ވަކިކޮށްފައެވެ. ބައެއް ބޭފުޅުން ވަކިކުރެއްވިއިރު ދެން ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވީ އެ ނޫން ގޮތެއް ނެތުމުންނެވެ.

ބައެއް ބޭފުޅުންނަށް އިޝާރާތްކޮށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަޖިލީސްތެރެއިން ބޭރު ކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މެންބަރުން އިންޒާރު ކުރެއްވިއިރު އެއްވެސް ބޭފުޅެއްގެ ދިފާއުގައި ރައީސް ސޯލިހް އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް ކެބިނެޓްގެ އެންމެ ނުފޫޒުގަދަ ވަޒީރު ފައްޔާޒު އިސްމާއީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އެމްޑީޕީން އިސްވެ ފެށި މަސައްކަތާ ފާޅުގައި ދެކޮޅު ހައްދަވާ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ފައްޔާޒުގެ ދިފާއަށް މަޖިލީސް މެންބަރުން ރައީސް އޮފީހަށް ހާޒިރުކޮށް އެ މެންބަރުންނާ ރައީސް ބައްދަލުކުރެއްވިއެވެ.