ހަބަރު

ރައީސްގެ މިލްކިއްޔާތު: 1.5 މިލިއަން ރުފިޔާ، ދަރަންޏެއް ނެތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެމަނިކުފާނުގެ މާލީ ބަޔާން ހާމަ ކުރައްވާފައިވާއިރު އެމަނިކުފާނުގެ އާމްދަނީއަކީ 1.5 މިލިއަން ރުފިޔާ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަހުގެ ކުރިން ލިބިވަޑައިގެންފައިވާ އާމްދަނީ މާލީ ބަޔާނުގައި ހާމަ ކުރައްވާފައިވާއިރު ރައީސް ސޯލިހަށް 1.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވަނީ މުސާރައިގެ ގޮތުގަ އެވެ. އެމަނިކުފާނަކީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ.

މާލީ ބަޔާނުގައިވާ ގޮތުން ރައީސް ސޯލިހުގެ އެއްވެސް ދަރަންޏެއް ނެތެވެ. މުދަލެއް ވެސް ނެތެވެ. ހަމައެކަނި މިލްކިއްޔާތުގައި ހުރީ ޅ. ހިންނަވަރުގައި ހުރި އެމަނިކުފާނުގެ ގެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް މާލީ ބަޔާން ހާމަ ކުރައްވާފައިވާއިރު އެމަނިކުފާނަށް މުސާރައިގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. ނައިބު ރައީސްގެ ވެސް ދަރަންޏެއް ނެތެވެ.

ނައިބު ރައީސް ފައިސަލްގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ މިލްކިއްޔާތުގައި 10،500،000 ރުފިޔާގެ އަގު ހުރި ގެއެއް އުފަން ރަށް، ފުވައްމުލަކުގައި އެބަ ހުއްޓެވެ. ހުޅުމާލޭގައި 6،200،000 ރުފިޔާގެ ފްލެޓެއް ވެސް އެބަ ހުއްޓެވެ. 500،000 ރުފިޔާގެ ކާރަކާއި 270،000 ސައިކަލެއް ވެސް ނައިބު ރައީސްގެ މިލްކިއްޔާތުގައިވެ އެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ވަޒީރުންގެ މާލީ ބަޔާންތައް މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މިއީ މިފަދަ ގޮތަކަށް ސަރުކާރުގެ އެންމެ އިސް ބޭފުޅުން މާލީ ބަޔާން އާންމު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.