ހަބަރު

ފަސް އަހަރުތެރޭ ހިންނަވަރާއި ނައިފަރު ގުޅާލާނަން: ނަޝީދު

ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ޅ. ހިންނަވަރާއި ނައިފަރު ގުޅުވާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާ ޖީހާން މުހައްމަދުގެ ކެމްޕެއިން ޖަލްސާ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޅ. އަތޮޅަށް އެމްޑީޕީގެ ބޮޑުު ތަސައްވަރެއް އޮތް ކަމަށެވެ. އެގޮތުން ހިންނަވަރާއި ނައިފަރު ގުޅާލަން ބޭނުންވާ ކަމަށާއި އެ ދެމެދުގައި ހުރި ރަށްތަކާއި އެކީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގުޅާލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ހިންނަވަރާއި ނައިފަރު ގުޅުވަން، އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ ފެލިވަރާއި މަޑިވަރާއި އަދި ނައިފަރު އެތަނުން މަގެއްގައި މި ހުރިހާ ރަށް އެތަނުގައި ގުޅުވާލަން، އިރާދަކުރެއްވީއާ އަޅުގަނޑުމެންގެ މި އަމާޒު މި ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހިންނަވަރު ރައްޔިތުން އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ފުރުސަތު ސަރުކާރުން ހޯދާދޭނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 10،000 މީހުންގެ އާބާދީ ދިރިއުޅޭ ތަނެއް ގޮތުގައި ހިންނަވަރު ފެނިގެންދާނެ ކަމުގެ ޔަގީން ކަން ރައީސް ނަޝީދު ދެއްވި އެވެ.

"ހިންނަވަރުގައި 10،000 މީހުންގެ ދިރިއުޅުމެއް އާރާސްތު ކުރުމަށް ހަގީގަތުގައި އިތުރު ކަމެއް ކުރާކަށް ނުޖެހޭ، މި އަތޮޅުގައި މި ދަންނަވާ އިގްތިސާދީ ހަރަކާތް އެބަ ހިނގާ، އަޅުގަނޑުމެންނަށް ދިމާވެގެން މި އުޅޭ ކަމަކީ މި ކޮންމެ ރިސޯޓަކީ ގައުމަކަށް ބަދަލުވެގެން ދިޔުން، އެއިން ކޮންމެ ތަނެއްގައި ވަޑައިންގެ އެބަހުރި ކޮންމެ ތަނެއްގައި އިންޖީނުގެ އެބަހުރި ކޮންމެ ތަނެއްގައި ވޯކްޝޮޕާއި ރެސްޓޯރަންޓު ހުރޭ، މިއިން އެއްވެސް ކަމެއް މީހުން ދިރިއުޅޭ ރަށަކާ ގުޅިފައެއް ނުވޭ، މިއީ ދުނިޔޭގައި ހިނގާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިންނަވަރުގައި ގެސްޓް ހައުސް ވިޔަފާރި ތައާރަފް ކުރާނެ ކަމަށާއި އޭގެ ފައިދާ ލަސްތަކެއް ނުވެ ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. މަޖިލިސް އިންތިހާބުގައި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް ރައްޔިތުން އެދޭ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.