މީހުން

ޝަރީހާނާއި ޝާހީނަށް އައްސަރިބަހަކާ ސާބަހެއް!

ބެލެނިވެރިން އަބަދުވެސް ދަރިންނަށް އެންމެ ފުރިހަމަ ތަރުބިއްޔަތު ދެވޭތޯ މަސައްކަތް ކުރެ އެވެ. ކުއްޖާއަށް ދެތިން މަސް ވާއިރު ފާޑު ފާޑުގެ ފޮތްތައް ދޭން ފަށަ އެވެ. "މައި ފަސްޓް ވޯޑް ބުކް" އިން އެކުދިންގެ ފުރަތަމަ ބަސްތައް ކިޔަން ފަށާނެ އެވެ. އަނގަ އޮޅުވައޮޅުވާފައި ވެސް ކިޔާނީ "އޭ ފޯ އާފަލެ" އް ނޫނެވެ. "އޭ ފޯ އެޕަލް" އެވެ؛ މިފަދަ "ވޯޑް ބުކް" ތަކުން އިނގިރޭސި ބަސްތައް އެނގުނަސް، ކުދިންނަށް ދޭނެ ދިވެހި ބަހުގެ ފޮތެއް ނެތިގެން އެކަމާ ވިސްނި ކުއްޖަކުވެސް ހުއްޓެވެ. މިއީ ކުޑަކުދިންގެ "ފަސްޓް ޝޭޕް ބުކެ" ވެ. ދިވެހި ކޮށްލައި "ފުރަތަމަ ބައްޓަން ފޮތް" ގެނެސް ދިނީ އައިމިނަތު ޝަރީހާން އިބްރާހީމެވެ.

ތެދަށް ބުނެގެން މައްސަލައަކަށް ވެގެނެއް ނުވާނެ އެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ޝަރީހާނަކީ ދިވެހި ބަހަށް މާ ލޯބި ކުރި ކުއްޖެއް ނޫނެވެ. ސްކޫލުގައި އެ މާއްދާއަށް އަހަންމިއްޔަތު ކަމެއް ނުދެ އެވެ. އެކަމަކު، މަތީ ތައުލީމް ހާސިލް ކުރަން މެލޭޝިއާއަށް ގޮސް އެހެން ގައުމެއްގެ ސަގާފަތާއި ތާރީހު ދަސްކޮށްދޭ މީހެއްގެ ކައިރީ މަސައްކަތް ކުރަން ފެށުމުން އަމިއްލަ ގައުމުގައި ވެސް މުއްސަނދި ސަގާފަތެއް އެބަ އޮތް ކަމާއި އަމިއްލަ އަކުރަކާއި ބަހެއް އޮތްކަން ޝަރީހާނަށް އެނގި ކަށަވަރުވި އެވެ. ދިވެހި ބަހުގެ މޮޅު ކަމާއި ފަށުވިކަން ޝަރީހާނަށް އެނގި ނަގައި ގަނެވުނީ ސްކޫލް ދައުރުވެސް ނިމުނު ފަހުންނެވެ. ދެން އޭނާ ވިސްނީ ބަހުގެ ތެރެއަށް އޭނާ ކޮއްޕާލާ އަމިއްލަ ހުނަރަކުން އަންނަން އޮތް ދިވެހި ޖީލަށް ފައިދާއެއް ވެދާނެ ކަމެއް ކޮށްދެވޭތޯ އެވެ.

"ސްކޫލުގައި އުޅުނު އިރު ވެސް މާ ބޮޑަކަށް ނުވިސްނަން މިކަހަކަލަ ކަންކަމާމެދަކު، ރާއްޖެއިން ބޭރަށް ގޮސް ކިޔަވަން އުޅުނު އިރު، ވަޒީފާ އެއްގެ ގޮތުގައި މަސައްކަތް ކުރީ ހިސްޓްރީ އެންޑް ކަލްޗާ ކިޔަވައިދޭ މީހެއްގެ ގާތުގައި. އެހިސާބުން ދެން ވިސްނެން ފެށީ ރާއްޖޭގައި ވެސް އަމިއްލަ ރީތި ބަހެއް އޮތްކަން. އަނެއްކާ އަމިއްލަ ބަހެއް އޮވެފަައި ކުޑަކުދިންނަށް މި ދޭ ފޮތްތަކުގައި ވެސް ހުންނަނީ ހުސް އިނގިރޭސިން ލިޔެފަ. މާލޭގައި ވެސް ދިވެހި ބަހުން ކުޑަކުދިންނަށް ކަމުދާ ކަހަލަ ގޮތަކަށް ނުހުރޭ ފޮތެއް ތައްޔާރުކޮށް ނެރެފަ އެއް. އެހެންވެ އަޅުގަނޑު ބޭނުންވީ ކުޑަކުދިންނަށް ހާއްސަކޮށް، ކްރިއޭޓިވް ގޮތަކަށް ދިވެހި ބަހުން ފޮތްތަކެއް ނެރެން"

މި މަގްސަދު ހާސިލް ކުރަން ޝަރީހާން ކޮށްލި ކަމަކީ "ޓްރޭޑް ތަކެތި" ގެ ނަމުގައި ކުޑަ ކުޑަ ކުންފުންޏެއް އުފެއްދީ އެވެ. އެ ކުންފުނިން ކުރާ ކަމަކީ އޭނާގެ ހުނަރުވެރި ކުރެހުންތައް ހިމަނައިގެން ދިވެހި ފޮތްތަކެއް ބާޒާރުގެ ފޮތް ހަރުގަނޑަށް ލައިދޭން ފެށީ އެވެ. ޒަމާނީ ވަސީލަތް ބޭނުންކޮށް ޝަރީހާންގެ ދިވެހިވަންތަ އުފެއްދުންތައް ދިވެހިންނާ ހިއްސާކުރަން ފެށީ އެވެ. އޮންލައިންކޮށް ހިއްސާކުރި ޝަރީހާންގެ "ތާނަ ވޮށުފިލާ" އާއި "ގުނަމާ" ފޮތްތަކަށް ދިވެހިން ރުހުން ދިނުމާއެކު ފުލުފުލުގައި އޯޑަރުތައް ވެސް ލިބެން ފެށީ އެވެ.

މި ފޮތްތައްވީ ދިވެހިންނާއި ދިވެހި ބެލެނިވެރިންނަށް ވެސް ފައިދާތަކެއް ކުރުވި ފޮތްތަކަކަށެވެ. ކުޑަކުދިންނަށް ހާއްސަކޮށް ކުރު ވާހަކަ ފޮތްތަކެއް ވެސް ގެނެސްދީފި އެވެ. އޭނާގެ ބޭނުމަކީ، ދިވެހި ބަހުން އުފެއްދުންތެރި ކާމިޔާބު އަދި ނަތީޖޭ ނެރެވޭ އުފެއްދުންތަކެއް ދޫކޮށްލުމެވެ.

"ފުރަތަމަ ނެރުނު ފޮތްތަކަށްފަހު، ދެން ނެރުނީ ކުދި ކުދި ވާހަކަ ފޮތް. އެ ފޮތްތައް ނެރުނުއިރު ވެސް ބެލީ ވަރަށް ޝައުގުވެރި ކަމާއެކު ކުޑަކުއްޖަކު ކިޔާލާ ހިތްވާނެ ކަހަލަ ގޮތަކަށް ހެދޭތޯ. އެންމެ ފުރަތަމަ ވާހަކަ ދެ ފޮތް ނެރުނީ އަމިއްލަ އަށް ކުރަހައިގެން އަމިއްލަ އަށް ލިޔެގެން. ފަހުން ނެރުނު ފޮތްތައް އެއީ އެހެން މީހަކު ލިޔެފަ އަދި އެހެން މީހަކު ޕްރޫފް ރީޑް ކޮށްފައި. ކުޑަކުދިންނަށް ނެރޭ ފޮތްތަކެއް ވީމަ ބޭނުމެއް ނުވޭ ނުބައި އެއްޗެއް ނުބައި މައުލޫމާތެއް ބުނެދޭކަށް" ކުރިން ދިވެހި ބަހަށް މާބޮޑު ލޯތްބެއް ނުދެވުނު ޝަރީހާންގެ ހިތާ މިހާރު އެންމެ ގާތީ އަމިއްލަ ބަހެވެ.

ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ޝަރީހާންގެ މި އާންމު ހިދުމަތް ފުޅާކޮށް މިއަހަރު އެހެން ކުއްޖަކުވެސް "ޓްރޭޑް ތަކެތީ" ގެ ތެރެއަށް ގެނެސްފައެވެ. ޝަރީހާންގެ ފޮތްތަކުގެ އިތުރު ގަނޑަކަށްވީ އައިޝަތު ޝާހީނެވެ. މާލެ އާއި މާލެ ސަރަހައްދުގައި މި ފޮތްތައް ވިއްކުމުގައި ޝާހީން ދަނީ އެހީތެރި ވެދެމުންނެވެ. މާލޭގެ އަސްރަފީ ބުކްޝޮޕާއި އެމް7 އާއި މައިވޮންޑާ ބުކްސް އާއި ޓޮޑީގައި މި ފޮތްތައް ވިއްކަ އެވެ. އަދި އުތުރުގެ މައި ރަށް ކަމަށް ބެލެވިފައި އޮންނަ ހދ. ކުޅުދުއްފުށި އެމްއޯސީ ޓްރޭޑިން ގައިވެސް ޝާރީހާން އާއި ޝާހީންގެ ފޮތްތައް މިހާރު ބަހައްޓައިފި އެވެ. މި ފޮތްތައް ހިފައިގެން އަންނަ ހަފްތާގައި ހުވަދު އަތޮޅަށާއި އައްޑޫއަށް ވެސް ބުރެ އަޅާނެ އެވެ. ގދ. ތިނަދޫ އާއި އައްޑޫއަށް ގޮސް މި ފޮތްތައް ވިއްކުމަށް ޕޮޕް އަޕް ސްޓޯއެއް ބަހައްޓާނެ އެވެ.

"މިހާރު އެބަ މަސައްކަތް ކުރަން ފޫޅުދިގު ހަންޑި ވާހަކަ ފޮތް ކުޑަކުދިން ބިރު ނުގަންނާނެހެން ތަންކޮޅެއް މަޖާ ގޮތަކަށް ގެނެވޭތޯ. ދިވެހިންގެ ތެރޭގައި ކިޔާ އެކަހަލަ ވާހަކަތައް ކުރަހާ ލިޔެ ހެދުމުގެ މަސައްކަތުގައި މިހާރު މިއުޅެނީ".

ތުއްތު ކުދިން އެންމެ ފުރަތަމަ ބަސް ކިޔާ ދުވަހަކީ ބެލެނިވެރިންނަށް ވަރަށް އުފާވެރި އަދި އެހާމެ ހާއްސަ ދުވަހެކެވެ. ޝަރީހާންގެ މި ފޮތްތަކުން އުނގެނި، އުނގަންނައި ދޭނަމަ ހަމަ ޔަގީނުންވެސް އެކުދިން ކިޔާނެ ފުރަތަމަ ބަހަކީ ދިވެހި ބަހަކަށް ވާނެ އެވެ. ޝަރީހާންގެ ހަދިޔާ ކަމުދެ އެވެ. މިފަދަ ހަދިޔާއެއް ދިނީތީ ޝަރީހާނަށް އޮތީ އައްސަރިބަހަކާ ސާބަހެކެވެ.