ވިޔަފާރި

ހައިޑަވޭ އަށް އަންނަ ޓޫރިސްޓުންނަށް ސީޕްލޭން ޗާޓަރުކޮށްދޭން ފަށަނީ

ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާއަށް އަންނަ މީހުންނަށް ސީޕްލޭން ޗާޓަރު ކޮށް ދިނުމުގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

ދޮނަކުޅި އިންވެސްޓްމަންޓުން ހިންގާ، ހައިޑަވޭ ބީޗް ރިސޯޓާ ހަވާލާދީ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ދެ އެރައިވަލްގައިވާ ގޮތުން 1، މާޗް 2019 އިން ފެށިގެން މި ހާއްސަ ދަތުރުތައް ފެށުމާއެކު އެ ރިސޯޓަށް އަންނަ މެހުމާނުންނަށް އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ އެވެ. އަދި މީގެ ސަބަބުން އެ ރިސޯޓުން ޓޫރިސްޓުންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 65 މިނެޓުން ދެވޭ ރާސްތާގައި ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ހައިޑަވޭ ރިސޯޓުން ބުނީ ޓީއެމްއޭ މެދުވެރިކޮށް ފަށާ ދަތުރުތައް ވެގެންދާނީ ޓޫރިސްޓުންނަށް ވަރަށް ހާއްސަ ދަތުރުތަކަށް ކަމަށެވެ.

ހއ. އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް މެރީނާ ހުންނަ ރިސޯޓެވެ. މި ރިސޯޓުގައި ތަރައްގީ ކޮށްފައިވާ ޔޮޓް މެރީނާގެ ބޮޑު މިނުގައ 297,000 އަކަމީޓަރު ހުރެ އެވެ. އަދި މި ރިސޯޓު ތަރައްގީ ކޮށްފައިވާ އަށް ގިންތިއެއްގެ ވިލާ ހުންނަ ގޮތަށެވެ. މި ރަށުގައި ޖުމްލަ 103 ވިލާ ހުރެ އެވެ.

ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައިވަނީ "ހެލްތް އެންޑް ވެލްނަސް" ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިތް ދަމައި ގަންނަ ގޮތަކަށެވެ. މި ރިސޯޓުގައި ހުންނަ ސްޕާއަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބޮޑު އެއް ސްޕާ އެވެ. އަދި މި ރިސޯޓުގައި ޓެނިހާއި މި ނޫން ވެސް ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.އަދި މިތަނުގައި ފަސް ރެސްޓޯރެންޓު ހުރެ އެވެ.