ހަބަރު

މާލޭ މަގުތަކުގައި ހުރި ޕެލެޓުތަައް ނަގަން ފަށައިފި

Jan 12, 2019
13

އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭ މަގުތަކުގެ ޕޭމަންޓު ކަައިރީ ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު ހުސެއިން ޝަރީފް "އަވަސް"އަށް ވިދާާޅުވީ ފަހަކަށް އައިސް އެއް މަގެއްގައި އެތަށް ބައިވަރު ޕެލެޓު ޖަހާ ޕާކު ނުކުރެވޭ ގޮތަށް ހަދާފައި ހުންނާތީ އާންމުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެލެޓުތައް ނެގުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާ ކަމަށެވެ.

"ބައެއް ގެތަށް އެބަހުރި ޕެލެޓު ބަހައްޓަން ޖެހޭ، އެއީ ބަލި މީހުން އުޅޭތީ، ދެން ބޮޑެތި ގަރާޖުތައް ވެސް އަޅުގަނޑުމެން ނުނަގަން މިއަދު، އެކަމަކު ގިނަ ފަހަރަށް ޕޭމަންޓަށް ދަނގަޑު ބޯލްޓުތައް ޖަހައިގެން އެބަހުރި ޕެލެޓު ޖަހާފައި، މި ގޮތަށް ހުރުމުން ގިނަ ބަޔަކަށް އުނދަގޫވޭ،" ޝަރީފް ވިދާޅުވި އެވެ.

ގަވައިދުގައި އޮންނަ ގޮތުން މަގުތަކުގައި ޕެލެޓު ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މިއަދު ފެށި މަސައްކަތުން ބޮޑު ހަ ލޮރީ ފުރާ ޕެލެޓު ނަގާފައިވާ ކަމަށާއި އަދިވެސް ނަގަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.