ދުނިޔެ

އެމެރިކާ: މުސާރަ ނުލިބި، ދައުލަތުގެ މުވައްޒަފުން މުދާތައް ވިއްކަން ފަށައިފި

Jan 12, 2019

ވޮޝިންގްޓަން (ޖެނުއަރީ 11) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ބަޖެޓު ފާސްނުކުރެވި، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، މިމަހުގެ މުސާރަ ނުދެވުމުގެ ސަބަބުން، ދައުލަތުގެ އެތަކެއް ހާސް މުވައްޒަފުންނެއް ހާލުގައި ޖެހިއްޖެ އެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ މިއަދަށް 22 ދުވަސް ވެފައިވާއިރު، މިއީ އެމެރިކާގެ ތާރީހުގައި މިފަދަ ހާލަތެއް މިހާ ގިނަ ދުވަހަށް ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، 800،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ މުސާރަނުދެވި އެވެ.

މީގެ ތެރޭގައި ޖަލުތަކާއި އެއާޕޯޓު މުވައްޒަފުންގެ އިތުރުން ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ހިމެނެ އެވެ.

ނަމަވެސް، ފާރު މަޝްރޫއަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ނުހިމަނައި، ބަޖެޓު ތަސްދީގު ކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

އެއްވެސް ފައިސާއެއް ނުހިމަނައި، މުވައްޒަފުންނަށް ދީފައިވާ މިމަހުގެ މުސާރަ ޝީޓުތައް ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

މުސާރަ ނުލިބި އަތްމަތި ދަތިވުމުގެ ސަބަބުން، ގިނަ ބަޔަކު ދަނީ އެމީހުންގެ އަތުގައި ހުރި ބައެއް މުދާތައް އިންޓަނެޓް ސައިޓުތަކުގައި ނީލަން ކިޔަމުންނެވެ. އަނެއް ބަޔަކު، ޕާޓް ޓައިމްކޮށް ސުޕާމާކެޓުތަކުގައި ވަޒީފާ އަދާކުރަން ހުށަހަޅަމުންދާކަމަށް ވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މިޑް ޓާމް އިލެކްޝަނުގެ ކާމިޔާބީއަށްފަހު ހައުސްގެ މެޖޯރިޓީ ހޯދި ޑިމޮކްރެޓުން ބުނަނީ، އެ ފާރަކީ ބޭކާރު ހަރަދެއް ކަމަށާއި، އިންސާނިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އަދި މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދަންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ކުއްލި ހާލަތްތަކުގައި، އަސްކަރީގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބާރު ސީދާ ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ހުދު އެމަނިކުފާނު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.