ފްރީޑައިވް ކުރާ މީހުން ބޭނުން ކުރާ ފިންސެއްގައި ދިވެއްސަކު ފަރުމާކޮށްފައިވާ ރާއްޖޭގެ ރީތި މަންޒަރެއް ހިމެނުމާއެކު ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަން ފަށައިފި އެވެ.
ޑައިވް ސާމާނު ވިއްކަން ދުނިޔޭގައި މަޝްހޫރު އޮސްޓްރޭލިއާގެ "ޑައިވާ" ބްރޭންޑުން ނެރެފައިވާ މި ފިންސު މިހާރުވެފައިވަނީ ފްރީޑައިވް ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ފިންސުގެ ގޮތުގައި މަޝްހޫރުކަން ހޯދާފަ އެވެ.
"ޑައިވާ- ފޮނު މޯލްޑިވްސް" ގެ ނަން ދީފައިވާ މި ފިންސް ނެރެފައިވާ މިހާރު ދުބާއީގައި ކުރިއަށްދާ މިޑުލްއީސް ޑައިވް އެންޑް ފިޝް އެކްސްޕޯ 2019 ގަ އެވެ. މި ފިންސުގެ ކުރެހުމުން ދައްކުވައި ދެނީ ހދ. ކުޅުދުއްފުށީ ފުއްޓަރު ފަރާތުގެ މަތިން ނަގާފައިވާ ހިތްގައިމު މަންޒަރެކެވެ. މި މަންޒަރުން ފެނިގެން ދަނީ އެ ސަރަހައްދުގެ ކަނޑުގެ ރީތި ނޫކުލަ އެވެ.
- ފިންސު ފަރުމާކުރި ހަބޭސް މަމްދޫހު
- މި ފިންސު ލިބޭނީ އަޕްނިއާމޯލްޑިވްސްއިން
- ފިންސުން ފެނަނީ ކުޅުދުއްފުށީ ފުއްޓަރު
- ދުބާއީ ފެއާގައި އެންމެ ވިކުނީ މި ފިންސު
- ފްރީޑައިވް ކުރާ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށް
ޑައިވާ "ފޮނު މޯލްޑިވްސް" ފިންސު ފަރުމާކޮށްފައިވާ އަލީ މަމްދޫދު (ހަބޭސް މަންދޫހު) "އަވަސް" އަށް ބުނީ މި މަސައްކަތް ކުރަން ފުރުސަތު ލިބުނީ ޑައިވާ ކުންފުނީގެ އުފެއްދުންތައް ވިއްކާ އަޕްނިއާމޯލްޑިވްސްގެ ފަރާތުން ކަމަށެވެ.
"މި ފުރުސަތު ލިބުނީމަ އަޅުގަނޑު އިތުރު ދެ ފިންސެއް ޑިޒައިން ކުރިން. މީގެ ތެރެއިން މި ފިންސް [ފޮނު މޯލްޑިވްސް] އެމީހުން [ޑައިވްއާރު] އަށް ރީތިވީ. އެހެންވެ ފިންސުގައި އެ މަންޒަރު ޖެހީ،" ކަނޑު އަޑީގެ ފޮޓޯގްރަފީ އާއި ވީޑީއޯގެ މަސައްކަތް ވެސް ކުރަމުން އަންނަ މަންދޫހު ބުންޏެވެ.
އޭނާ ބުނީ މިއީ ރާއްޖެއަށް ވެސް ލިބިގެން ދިޔަ ވަަރަށް ބޮޑު އިޝްތިހާރެއް ކަމަށާއި، މި ފިންސު ގިނަ ބަޔަކު ގަންނަމުންދާ ކަމަށެވެ.
"މި ފުރުސަތު ލިބުނީމަ އަޅުގަނޑު އިތުރު ދެ ފިންސެއް ޑިޒައިން ކުރިން. މީގެ ތެރެއިން މި ފިންސް [ފޮނު މޯލްޑިވްސް] އެމީހުން [ޑައިވްއާރު] އަށް ރީތިވީ. އެހެންވެ ފިންސުގައި އެ މަންޒަރު ޖެހީހަބޭސް މަމްދޫހު
"ދުބާއީގައި މިހާރު ކުރިއަށްދާ ފެއާގައި އެންމެ ގިނަ މީހުން ގަތް އެއްޗަކަށްވެސް ވީ މި ފިންސް. އެހެންވެ މިއީ ލިބުނު ބޮޑު ކާމިޔާބީއެއް،" މަންދޫހު ބުންޏެވެ.
ފްރީޑައިވްއަކީ މިހާރު ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ހަރަކާތްތެރިވާ މޫދު ކުޅިވަރެކެވެ. މި ޑައިވް ކުރަނީ ވައިފުޅި ނާޅަ އެވެ. "ފޮނު މޯލްޑިވްސް" ފިންސު ރާއްޖޭގައި ވިއްކާނީ އަޕްނިއާމޯލްޑިވްސްއިން އެވެ.