މިނިސްޓްރީ އޮފް އެޑިއުކޭޝަން

ބޮޑު ބަންދަށް ފަހު ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފި

މަސްދުވަހުގެ ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާއަހުރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މިއަދު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔެވުން ފަށާފައި ވަނީ 73035 ދަރިވަރުންނާއެކު އެވެ. ޕްރީ ސްކޫލް ފެންވަރަށް 317 ސްކޫލެއްގައި މި އަހަރު ކިޔަވައިދޭން ވަނީ ހަމަޖެހިފަ އެވެ. އާ އަހަރު ފެށުނު އިރު، ސްކޫލްތަކުގައި 9800 މުދައްރިއްސުން ހަރަކާތްތެރިވާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. މީގެތެރެއިން ދިވެހި މުދައްރިއްސުންނަކީ، 7900 އެވެ. ބިދޭސީ މުދައްރިއްސުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ހަރަކާތްތެރިވާނެ އެވެ.

މި އަހަރުގައި ކިޔަަވައިދިނުމަށް ހަމަޖެހިފައިވަނީ 200 ދުވަހު އެވެ. ފުރަތަމަ ސެމިސްޓާ ބަންދަށް ހަމަޖައްސާފައިވަނީ މެއި މަހު 30 ވަނަ ދުވަހު އެވެ. ދެވަނަ ސެމިސްޓާ ކިޔެވުން ފެށޭނީ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރުގެ ކިޔެވުން ދަތިތަކާ ނުލާ ކުރިއަތް ގެންދިޔުމަށްޓާކާ ދުރާލާ ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ޒަމާނުއްސުރެ ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދާ ދިނުމަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އާއަހަރުގެ ކިޔެވުމާ ގުޅިގެން ފަށަން ހަމަޖެހިފައިވާ ނާސްތާ ޕްރޮގްރާމް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އިލްމް ހޯދުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ނައިބު ރައީސް ވިދާޅުވީ، ރަނގަޅު ތައުލީމީ ޖީލެއް ބިނާނުކޮށް ގައުމަށް އަމާންކަމާއި ހަމަޖެހުން ނުލިބޭނެ ކަމަށެވެ. އަދި ހުރިހާ ދަރިވަރުންވެސް މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުގުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނައިބު ރައީސް އިލްތިމާސްކުރެއްވި އެވެ.

ނައިބު ރައީސް ފައިސަލް މިއަދު ޔަގީންކަން ދެއްވި ގޮތުގައި ކުރީގެ ސަރުކާރުތަކުން ތައުލީމީ ދާއިރާއަށް ނުކުރާ ވަރުގެ ހޭދަތަކެއް މިސަރުކާރުން ކޮށް ދާއިރާ އިތުރަށް ހަރުދަނާ ކުރާނެ އެވެ.