މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

ނާސްތާ ޕްރޮގްރާމް އިފްތިތާހު ކޮށްދީފައިވަނީ މިއަދު އަމީނިއްޔާ ސްކޫލުގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަލަށް ފަށައި ނާސްތާ ޕްރޮގްރާމްގައި ފުރަތަމަ ދުވަސްކޮޅު ދަތިތަކަކާ ކުރިމަތިވި ނަމަވެސް ހައްލު ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހެނދުނުގެ ނާސްތާއަކީ ދަރިވަރުންނަށް މުހިންމު ކަމެއް ކަމަށާއި، ދުނިޔޭގެ ގައުމުތަކުގައި މިކަން ކުރާތާ 100 އަހަރުވެފައިވާ ކަމަށެވެ. އަދި ނާސްތާ ކުރާއިރު ސާފުތާހިރު ކަމަށް އިސްކަންދިނުމަށް މިނިސްޓަރު ވަނީ ދަރިވަރުންގެ ކިބައިން އެދިލައްވާފަ އެވެ.

ނާސްތާ ޕްރޮގާރާމްގެ ދަށުން މާލޭ ފަސް ސްކޫލަކަށް ދޭން ހަމަޖެހިފައިވާއިރު އަތޮޅުތެރޭ ސްކޫލްތަކަށްވެސް ނާސްތާ ޕްރޮގްރާމްގެ ދަށުން ނާސްތާ ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މިއަދު ވަނީ 25 ސްކޫލެއްގައި ނާސްތާ ދޭން ފަށައިފަ އެވެ.