ހަބަރު

ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ހުޅުވައި ކިޔެވުން ފަށައިފި

ހުޅުމަލޭގައި އަލަށް އިމާރާތްކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ރަސްމީކޮށް ހުޅުވާ، ކިޔަވާދޭން ފަށައިފި އެވެ. "ހުރަވީ"ގެ ނަމުގައި ހަދާފައިވާ އެ ސްކޫލު ހުޅުވާ ދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ހުރަވީ ސްކޫލަކީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޗަން (އެޗްޑީސީ) އާއި އަމީން ކޮންސްޓްރަކްޝަން ގުޅިގެން ހަދާފައިވާ ސްކޫލެކެވެ. އެ ސްކޫލުގައި އެއްފަހަރާ 1400 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވާދެވޭ ޖާގަ ހުރެ އެވެ. އެ ސްކޫލުގައި 52 ކްލާސް ރޫމް ހުރި އިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހާއްސަ ބައެއް ހުރެ އެވެ.

ރައީސް ސޯލިހު ސްކޫލު ހުޅުވާ ދެއްވި އިރު މިއަދު ކިޔަވަން ފަށަނީ 780 ދަރިވަރުންނާއެކުގަ އެވެ. އަދި 60 ޓީޗަރުން ވެސް އެ ސްކޫލުގައި ހިމެނެ އެވެ. އެއީ ހުސް ދިވެހި ޓީޗަރުންނެވެ.

ހުރަވީ ސްކޫލުގައި މި އަހަރު ކިޔަވާ ދެނީ ގްރޭޑް ހަތަކާ ހަމަޔަށެވެ. ނަމަވެސް އަންނަ އަހަރު 10 އަކާ ހަމަޔަށް ވެސް ކިޔަވާދޭނެ ކަމަށް އެ ސްކޫލުން ވަނީ ނިންމައިފަ އެވެ.