މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލެ ސަރަހައްދަށް އިތުރު ސްކޫލްތަކެއް، ވިސްނުން އާ ފަރުމާއަކަށް

އަލަށް އިމާރާތް ކުރާ ސްކޫލްތައް ފަރުމާ ކުރާނީ މުޅިން އާ ގޮތަކަށް، ޖާގަ ތަނަވަސްކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ، އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އަލަށް އިމާރާތް ކުރާ ސްކޫލްތައް އާ ފަރުމާއަކަށް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ދަރިވަރުންނަށް ސްކޫލްތަކުގައި އާ ޖާގަތައް ވެސް ލިބޭނެ ފަރުމާއަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ނާސަތާ ޕްރޮގްރާމްގެ ދަށުން ނާސްތާ ދިނުމަތް ސްކޫލްތަކުގައި ހާއްސަ ޖާގައެއް ބޭނުންވާ ކަމަށެވެ. މި ސަރުކާރުން ވަނީ ކޮންމެ ދަރިވަރަކަށް ވެސް ހެނދުނުގެ ނާސްތާ ދިނުމަށް ނިންމާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިއަދު ބައެއް ސްކޫލްތަކުގައި ނާސްތާ ދޭން ފެށި އެވެ. ދަރިވަރުން ހެނދުނުގެ ނާސްތާ ނަގަނީ އެއް ވަގުތެއްގައި އެއް ތަނެއްގައި ތިބެގެންނެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ ހުޅުމާލެގައި އާބާދީ އިތުރުވަމުން އަންނަ ވަރަށް ބަލާއިރު މާލޭ ސަރަހައްދަށް އާ ސްކޫލްތަކެއް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގައި އާ ސްކޫލްތަކެއް އިމާރާތް ކުރާނެ ކަމަށެވެ.

"ދަރިވަރުންނަށް ނާސްތާ ދިނުމުގެ އިންތިޒާމު ފުރިހަމަ ކުރުމަށްޓަކާ އެހެންޏާ ނުހުންނަށް ޖާގަ އާ ސްކޫލްތަކުގައި ހިމެނިގެންދާނެ، ވީމާ އަލަށް އިމާރަތް ކުރެވޭ ސްކޫލްތަށް ވެގެންދާނީ އާ ފަރުމާތަކަށް ބިނާވެގެންދާ ސްކޫލްތަކެއް އަދި ހުޅުމާލެ އާއި މާލޭގައި އާބާދީ ގިނަވަމުން އަންނަށް ނިސްބަތުން އިތުރު ސްކޫލްތަކެއް މި ސަރަހައްދުގައި ގާއިމްކުރެވެން ޖެހޭ، އެހެންކަމުން ކުރިއަތް އޮތް އަހަރުތަކުގައި ހުޅުމާލެ މާލޭގައި އާ ސްކޫލްތަކެއް ގާއިމްކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު އައިޝަތު ވިދާޅުވީ، ބޭނުންވަނީ ސްކޫލްގައި މަސައްކަތް ކުރާ މުވައްޒަފުން، ދަރިވަރުން އަދި އެ ދަރިވަރުންގެ ބެލެނިވެރިންގެ އެއްބާރުލުމާއެކު ހުރަވީ ސްކޫލް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސްކޫލަކަށް ހެދުން ކަމަށެވެ. އަދި ހުރަވީ ސްކޫލުން ތައުލީމު އުގެނިގެން ނުކުންނަ ދަރިވަރުންނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދޭ ބަޔަކަށްވުން ކަމަށެވެ.

"އާ ސްކޫލެއްގެ ހަގީގީ މަގާމު ކަނޑައަޅާނީ ސްކޫލުގައި މަސައްކަތް ކުރަމުންދާ މުދައްރިސުން އަދި މުވައްޒަފުންގެ އިތުރުން ތައުލީމު އުގެނެމުންދާ ދަރިވަރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކަށް ނަން ކަނޑައަޅާފައިވަނީ ހާއްސަ ޝަހުސިއްޔަތެއްގެ ނަމާ ގުޅުވައިގެން ނުވަތަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މުދައްރިއްސެއްގެ ނަމާ ގުޅުވައިގެން ކަމަށެވެ. އެގޮތުން ހުރަވީ ސްކޫލަށް ނަން ކިޔާފައިވަނީ ދޮން ބަންޑާރަ އާއިލާއާ ގުޅުވައިގެން ކަމަށެވެ. އެހެންކަމުން ހުރަވީ ސްކޫލުގެ ދަރިވަރުންނަކީ ކަންކަމާ ކެރިގެން ކުރިމަތިލާ ހިތްވަގަދަ ދަރިވަރުންނަށް ވާން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.