ހަބަރު

ބިދޭސީންގެ އަދަދު މަދުކޮށް، ދިވެހި ޓީޗަރުން މި އަހަރު ގިނަވާނެ: ރައީސް

ރާއްޖޭގައި ކިޔަވާދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަަދު ކުރުމުގެ މަސައްކަތުގެ ތެރޭގައި މިއަހަރު ކިޔަވާދޭ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލު ހުޅުވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުން ކަމަށެވެ. އަދި މި ސަރުކާރުން ތަރައްގީއަށްޓަކައި ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކޮށް، ދިވެހި ޓީޗަރުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކަރު ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔަވާދިން ދިވެހި ޓީޗަރުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ޕަސަންޓު އިތުރުވެފައިވާ ކަމަށާއި ބިދޭސީ ޓީޗަރުންގެ އަދަދު 16 ޕަސަންޓަށް ދަށްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި އަހަރު 9800 އަށް ވުރެ ގިނަަ ޓީޗަރުން ކިޔަވާދޭއިރު އެ ފަރަގު އެއަށް ވުރެ ވެސް ބޮޑުވެގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅިން ބަދަލު ކުރުމަށްޓަކައި މި ދާއިރާގައި ބިދޭސީން މަދުކޮށް ދިވެހިން އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން މިއަހަރު 600 އަށް ވުރެ ގިނަ ދިވެހި މުދައްރިސުން ދަސްވެނިވާނެ ކަމަށާއި އޭގެ ސަބަބުން ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުންގެ ހިއްސާ އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި އެއީ ތައުލީމީ ދާއިރާގައި ޒުވާނުން އިތުރު ކުރުމަށް ތަންފީޒު ކުރުމަށް ލިބޭ އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަރިވަރުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ރާއްޖޭގައި މަތީ ތައުލީމުގެ ލޯނު ދެއްކުމަށް އޮންނަ ދަތިކަން ކަމަށާއި އެ ޝަކުވާތައް ނިމުމަކަށް ގެނައުމަށް ރާއްޖޭގައި ބެޗްލާސް ޑިގްރީއަށް ކިޔެވުން ހިލޭކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ އިންޓްރަސްޓް ތިން ޕަސަންޓަށް ކުޑަ ކޮށްފައިވާ ކަމަށާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 ޕަސަންޓު އިތުރު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ދީގެން އުފެއްދުންތެރި ޖީލެއް ބިނާ ކުރުން، އެކަން ހާސިލު ކުރެވޭނީ ތައުލީމީ ނިޒާމްގެ ތެރެއިން ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް ސައްހަ އިސްލާމީ އަގީދާގެ ތެރެއިން ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދިގެން،" ރައީސް ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމަޔަށް 70،035 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކުދިންގެ ކިޔެވުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް މިއަހަރުގެ ބަޖެޓުގައި 2.7 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.