ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ ދަރިވަރުންނަށް ހާއްސަ މެސެޖެއް ދެއްވައިފި އެވެ.
ހުރަވީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކިޔަވާ ދަރިވަރުންނަށް މިއަދު ދެތިން ވާހަކައެއް ވިދާޅުވާން ބޭނުންވާ ކަމަށެވެ. ދަރިވަރުންނަކީ ކުރިމަގުގައި ލީޑަރުން ކަމަށާއި ގައުމުގެ އެންމެ އަގުބޮޑު ރައުސޫމާލުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ގައުމުގެ މިސްރާބު ސީދާ ކުރާނެ ލީޑަރުންނަށް ވެވޭނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ނުރަނގަޅު ގޮތް ދޫކޮށްލާ، ރަނގަޅު ގޮތުގައި ހިފައިގެން ކަމަށެވެ. އެގޮތުން ސްކޫލު މަރުހަލާގައި ވެސް އަމިއްލަ ފައިދާއަށް ވުރެ ބޮޑަށް އާންމު މަސްލަހަތަށާއި ހަމަޔާއި އިންސާފަށް ލޯބިކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ ތައުލީމީ ހަޔާތުގެ މަރުހަލާގައި އަމާޒު ހިފަންވީ ތައުލީމީ އަދަދުތަކެއް ހާސިލް ކުރުން ނޫން ކަމަށާއި އުނގެނޭ އިލްމުގެ ބޭނުން މާދަމާ ހިފޭނީ ހަށިގަނޑުގެ ހެދިބޮޑުވުމާ އެއްވަރަށް ބުއްދި ވެސް ތަރައްގީ ވެގެން ކަމަށެވެ. އެހެންކަމުން ސްކޫލުން ބޭރުގައި ވެސް އިލްމު އުނގެނުމަށް ލޯބި ކުރަން ވާނެ ކަމަށާއި ފޮތް ކިޔުމާއި ދިރާސާ ކުރަން ދަސް ކުރަން ވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ތައުލީމު މަރުހަލާގައި ތިޔަ ކުދިން ހާސިލް ކުރާ އެންމެ އަގުބޮޑު މެޑަލް ކަމުގައި ހަދަން ވާނީ ރިވެތި އަދަބުތަކާއި އިސްލާމީ އަހުލާގު، ތިޔަ ކުދިންގެ ފޭރާން ކަމުގައި ހަދަން ވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން، އެއީ ތިޔަ ކުދިންގެ ދިރިއުޅުން އުޖާލާކޮށްދޭނެ ކަންތައްތަކެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްކޫލު ދައުރުގައި ދިމާވާ ކޮންމެ މައްސަލައެއް ހައްލު ކުރަން ވާނީ ސުލްހަވެރިކަން އިސްކޮށްގެން ކަމަށެވެ. އެކުވެރިންނާއި ޓީޗަރުންނާ މެދު ވެސް އަމަލު ކުރަން ވާނީ އާއިލާއެއް ގޮތަށް ދެކިގެން އޯގާތެރިކަމާއެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ޓީޗަރުންގެ ކިބައިން ވެސް އެދޭ ވަރަށް ބޮޑު އެދުމެތް އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެއީ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު އެ ހައްގުތަކާ އެކުގައިވާ ޒިންމާތައް ދަރިވަރުންނަށް ދަސްކޮށްދެވޭނެ މަހައުލެއް ގާއިމްކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ކިޔަވާ ދިނުމާއި އުނގެނުމުގެ މާހައުލު މިގޮތަށް ބައްޓަން ކުރުމުން ހަމްދަރުދީ ވާން އެނގޭ، އެކަކު އަނެކަކަށް އިހުތިރާމް ކުރަން އެނގޭ ޖީލެއް ބިނާކޮށްދެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.