ވިޔަފާރި

ބީއެމްއެލް އިސްލާމިކްއިން ސޭވިން، އިންވެސްޓްމަންޓް ޑިޕޮސިޓް އެކައުންޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން ސޭވިން، އިންވެސްޓްމަންޓް ޑިޕޮސިޓް އެކައުންޓް ތައާރަފުކޮށްފި އެވެ.

ބީއެމްލްއިން ބުނީ މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިން އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށް ކަމަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީއާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެެވެ. 'ބީއެމްއެލް އިސްލާމިކް ސޭވިންސް އެކައުންޓް' އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތައާރަފުކުރާ ކަމަށެވެ.

"ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް" އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިން ހިދުމަތް ދިނުމަށްޓަކައި ތައާރަފުކުރި އެކައުންޓެކެވެ. "ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް" އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށްް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އިސްލާމިކް ބޭންކިންގެ ހިދުމަތް އެ ބޭންކުން ފުޅާ ކުރަމުންދާ ކަމަށެވެ.

"ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް މިދަނީ ފުޅާކުރެވެމުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީއާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތަކަށް އިތުރުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.