ހަބަރު

ޕެލެޓްގެ ބަދަލުގައި ދުވާރު ކައިރީގައި ރޭމްޕް ހަދަނީ

މާލޭގެ ކޮންމެ ދުވާރަކުން މަގަށް ފަސޭހައިން ނިކުމެވޭ ގޮތް ހެދުމުގެ ގޮތުން ކޮންމެ ދުވާރެއްގައި ރޭމްޕެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.

މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ގޭގޭގެ ކުރިމަތީގައި އަދި ގަރާޖްތައް ކުރިމަތީ ޕާކް ކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެކަމަށް ހައްލު ގެނައުމަށް ވަރަށް ގިނަ ގޭގޭ ކުރިމަތީގައި ލަކުނޑި ޕެލެޓްތައް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ޕެލެޓްތަކުގެ ތެރެއަށް ފައި ވަދެ، ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުމުގެ މައްސަލަތައް މީގެކުރިން ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން އަންހެނެއްގެ ފައި ބިދިގެން އެ މައްސަލަ ސަމާލުކަމަށް އައުމާއެކު، ސިޓީ ކައުންސިލުން އިއްޔެ ވަނީ 600 ޕެލެޓް ނަގާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ޕެލެޓްތައް ނަގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލް މެންބަރު ހުސެއިން ނިޔާޒް ވިދާޅުވީ، ރޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ގަރާޖްތަކާއި ގޭގެއިން މަގުތަކަށް ނުނިކުމެވޭ ގޮތަށް ޕާކް ކުރާ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން މާލޭގެ ކޮންމެ ދުވާރެއްގައި ރޭއްޕެއް ހަދަން ކަމަށެވެ.

އެގޮތުން ހުއްދަ ދީފައިވާ ގަރާޖްތައް ކުރިމަތީގައާއި މަގުތަކަށް ފަސޭހައިން ނިކުމެވޭ ގޮތަށް ރޭމްޕްތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަދު ސޮނީ ހާޑްވެއާ ކުރިމަތީ ސާމްޕަލް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިއަދު ހަވީރަށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސާމްޕަލްއަށް ބެލުމަށްފަހު އެހެން ތަންތަނުގައި ވެސް ރޭމްޕް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަަމަށެވެ.