ސިއްހަތު

ހެނދުނުގެ ނާސްތާ ދޫކޮށް ނުލާތި!

ހެނދުނުގެ ނާސްތާ ނުވަތަ "ބްރެކްފަސްޓް" އިނގިރޭސިން މާނަ ކުރެވެނީ ވެސް "ބްރޭކިންގް އަ ފާސްޓް" ގޮތުގަ އެވެ. މާނައަކީ ރޭގަނޑުގެ ގިނަ ވަގުތު އެއްޗެއް ނުކައި ހުރުމަށްފަހު ކާ އެއްޗެކެވެ. ދުވަސް ފެށުމަށް ރަނގަޅު ނާސްތާ އެއް ކުރުން މުހިއްމުކަން އެނގިހުރެ، ކޮންމެ މީހަކުވެސް އެމީހެއްގެ ބިޒީ ޝެޑިއުލައިގެން ދުއްވައި ގަންނާނީ ހުސްބަނޑާ އެވެ. ހެނދުނުގެ ނާސްތާއަށްވުރެ މުހިއްމު ވަނީ ނާސްތާ ކުރަން ހޭދަވާ ވިއްސަކަށް މިނެޓް އެހެން ކަމެއްގައި ބޭނުން ކޮށްލާށެވެ. ބައެއް މީހުންނަށް ހެނދުނު ހެނދުނާ ތެދުވެ ރަނގަޅު ނާސްތާއެއް ތައްޔާރު ކުރުމަށްވުރެ އެނދުގައި އަރާމުކޮށް އޮވެ ނިދާލަން ލިބޭ ވަގުތުކޮޅު މާ މުހިއްމު ވެއެވެ.

ސަމާލުކަންދޭން ފަސޭހަ ވޭ

ދުވަސް ފެށުމަށް ރަނގަޅު ނާސްތާއެއް ކުރާ ނަމަ، މުޅި ދުވަހުވެސް ކަންކަމުގައި ސަމާލުކަން ދެވޭ މިންވަރު އިތުރުވާނެ އެވެ. އެއީ ވަޒީފާއެއްގައި ވިޔަސް ސްކޫލު ކުއްޖަކު ކިޔަވާއިރު ވިޔަސް ފޯކަސް ރަނގަޅުވާނެ އެވެ. ނާސްތާ ކޮށްގެން ސްކޫލަށްދާ ކުދިންނަކީ، ކިޔަވައިދޭ އެއްޗެހި ފަސޭހައިން ސިކުނޑިއަށް ނަގައިގަންނަ ކުދިން ކަމަށް އެކި ދިރާސާތަކުން ދައްކަ އެވެ. އަދި ނާސްތާ ނުކޮށްދާ ކުދިން، ކްލާހުގައި ނިދި އައިސް ފިލާވަޅަށް ސަމާލުކަން ދޭން އުނދަގޫވާނެ ކަމަށްވެސް ބުނެ އެވެ. ހެނދުނުގެ ނާސްތާ ރަނގަޅު ނަމަ، މެންދުރުގެ ކެއުމުގެ ވަގުތު ޖެހެންދެން މަސައްކަތް ކުރުމަށް ހަށިގަނޑުގައި ހަކަތަ ހުންނާނެ އެވެ.

ކެއުން ކޮންޓްރޯލް ކުރެވޭނެ

ބަރުދަން ލުއި ކުރަން އުޅޭ މީހުންނަށް ދުވަހުގެ ކޮންމެވެސް އެއް ކެއުމެއް ދޫކޮށް ލާނަމަ އެންމެ ފަސޭހައިން ދޫކުރެވޭނީ ހެނދުނުގެ ނާސްތާ އެވެ. އެކަމަކު، ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމަށް ވާއިރު، މި ކެއުން ދޫކުރުމުން މެންދުރުގެ ކެއުމާ ޖެހެންދެން ހުންނާނީ އެކި ކަހަލަ ލުއި ކާނާތައް ކާ ހިތް ވެފަ އެވެ. އަބަދު ބަނޑުހައިކަން އިހުސާސް ކުރެވި ކެވޭނީ ލުއި ކާނާތަކުގައި ހިމެނޭ ބޭކާރު ކެލަރީތަކެވެ.

ލުއި ކާނާ ކާ ހިތްނުވާނެ

ނާސްތާ ނުކޮށް ހުސްބަނޑާ ހުންނަ މީހާ މެންދުރު ވުމުން ކޮންމެވެސް އެއްޗެއް ކާހިތް ވާނެ އެވެ. ބަނޑުހައިކަން ފިލުވައިލުމަށް އެންމެ ފަސޭހައިން ކެވޭނީ ތައްޔާރީ ކާނާ އެކެވެ. ނުވަތަ ލުއި ކާނާ އެކެވެ. އެފަދަ އެއްޗެއް ކެއުމުން ބަނޑުހައިކަން ރަނގަޅަށް ނުގޮސް އިތުރަށް ކާހިތްވާނެ އެވެ. ލުއި ކާނާ ކެއުމަށް ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި ހެނދުނު ރަނގަޅު ނާސްތާ އެއް ކޮށްފިނަމަ މި މައްސަލަ ދިމައެއް ނުވާނެ އެވެ. ދިވެހިން ކިޔައި އުޅޭ "ކޫސަނި އެއްޗެހި"ތައް ކާހިތެއް ނުވާނެ އެވެ.

ފަސޭހަ ނާސްތާ ނުކުރޭ

ދުވަސް ފެށުމަށް ރަނގަޅު ނާސްތާ އެއް ކުރުން މުހިއްމުވާއިރު ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ނާސްތާގައި ހިމެނުން އަދި މާ މުހިއްމެވެ. "ޕްރޮސެސްޑް ފުޑްސް" އަދި "ފާސްޓް ފުޑް" ނުވަތަ ފަސޭހަ ނާސްތާގެ ތެރޭގައި ހިމެނޭ، ބާގާ، ޕިއްޒާ އަދި ފްރެންޗް ފްރައިސް ފަދަ ގިނަ އަދަދެއްގެ ތެޔޮ ހިމެނޭ އެއްޗެހިއްސަކީ ރަނގަޅު ނާސްތާއަކާ މުޅިން ދުރުގައިވާ އެއްޗެއްސެވެ. ހާއްސަކޮށް ސްކޫލް ކުދިންނަށް މިކަހަލަ ކާނާ ދިނުން ރަނގަޅެއް ނޫނެވެ. ތައްޔާރީ ކާނާގެ ތެރޭގައި ހިމެނޭ، ޕިއްޒާ އާއި ބާގާ ގަންނަން ފަސޭހަ ވެފައި ބެލެނިވެރިންގެ ވަގުތު ސަލާމަތް ވިޔަސް އިސްކަންދޭން ޖެހޭނީ އެކުދިންގެ ސިއްހަތަށް ކުރާނެ ނޭދެވޭ އަސަރުތަކަށެވެ.

ނާސްތާގައި ހިމަނަންވީ ކޯންޗެއް؟

ފާސްޓް ފުޑްސް އަދި ލުއި ކާނާގެ ގޮތުގައި ވިއްކަން ހުންނަ އެއްޗެހީގެ ބަދަލުގައި ހެނދުނަށް ޕްރޮޓީންސް އާއި ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗެހި ދިނުން މުހިއްމެވެ. ތާޒާ މޭވާ އާއި ޔޯގަޓު ގެ އިތުރުން، ކޯންފްލޭކްސް އާއި އޯޓްސް އަދި ލޯފެޓް ކިރަކީ ދުވަސް ފެށުމަށް އެންމެ ރަނގަޅު ކާނާގެ ގޮތުގައި ސިއްހަތާބެހޭ މާހިރުން ކަނޑައަޅާފައިވާ އެއްޗިއްސެވެ.

އާ އަހަރުގެ އަޒުމެއް ގޮތުގައި ދުވަސް ފެށުމަށް ރަނގަޅު ނާސްތާއެއް ކުރަމާ ހިނގާށެވެ. ފިހާރަ ފިހާރައިގައި ވިއްކަން ހުންނަ ތައްޔާރީ ކާނާގެ ބަދަލުގައި ސިއްހަތަށް ފައިދާ ކުރާނެ ރަނގަޅު ކާނާއެއް އަމިއްލައަށް ތައްޔާރު ކުރާށެވެ. އާއްމުކޮށް ހޭލާ ވަގުތަށްވުރެ ވިއްސަކަށް މިނެޓު ކުރިން ތެދުވެ، ގަވައިދުން ނާސްތާ ތައްޔާރުކޮށް، ކާނަމަ އެކަން އާދައަކަށް ބަދަލުވާނެ އެވެ. އަދި، މިކަހަލަ ރަނގަޅު އާދަތައް ކުދިންނަށް ވެސް ދަސްވެ އެމީހުންގެ ދިރިއުޅުމުގައި ވެސް އަށަގެންނުވޭނެ އެވެ.