ވޮޝިންގްޓަން (ޖެނުއަރީ 13) - ރަޝިއާގެ ރައީސް ވުލެޑިމީރު ޕުޓިން އާއެކު ބޭއްވި ބައްދަލުވުމުއްގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު ފޮރުވަން އުޅުނުކަމަށް ކުރެވޭ ތުހުމަތުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކުރައްވައިފި އެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުވެފައިވަނީ، 2017 ވަނަ އަހަރު ދެ ރައީސުން ބޭއްވި ބައްދަލުވުމެއްގައި، ވާހަކަތައް ތަރުޖަމާކޮށްދިން އިންޓަޕްރިޓާގެ ޔައުމިއްޔާ ޓްރަމްޕް އަތުލެއްވިކަމަށް، އެމެރިކާގެ މަޝްހޫރު ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ތުހުމަތުކޮށްފައިވަނި ކޮށެވެ.
އަދި ހެލްސިންކީގައި ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ މަޝްވަރާތަކުގެ އެއްވެސް ރަސްމީ ރެކޯޑެއް ނެތްކަމަށް ވެސް އެ ނޫހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ ރައީސްކަމަށް 2016 އިންތިހާބުވުމުގެ ކުރިން، ރަޝިއާ އާއެކު ޓްރަމްޕްގެ އޮތް ގުޅުމާއިބެހޭ ގޮތުން ގެންދަނީ ފެޑެރަލް ތަހުގީގެއް ކުރަމުންނެވެ.
ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައީ) ކުރީގެ ވެރިޔާ ރޮބަޓް މުލާ އިސްވެ ކުރަމުންދާ ތަހުގީގުގައި، ޓްރަމްޕް އިންތިހާބު ކާމިޔާބުކުރުމުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި، ރަޝިއާ އާއި ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ދަނީ ބަލަމުންނެވެ.
ސައިބާ ހަމަލާތަކެއް ދީގެން، ދޮގު ހަބަރު ފަތުރައިގެން އިންތިހާބުގައި ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އަގު ވައްޓާލައި، ޓްރަމްޕަށް ފުރުސަތު ތަނަވަސްކުރަން ރަޝިއާ އިން މަސައްކަތްކޮށްފައިވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން 2016 ވަނަ އަހަރު ވަނީ ނިންމައިފަ އެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ތުހުމަތުތައް ދޮގުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެ މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް ފޮރުވަން މަސައްކަތްކޮށްފައިނުވާނެ ކަމަށާއި، ޕުޓިން އާއި ބައްދަލުކުރީ އެހެން ގައުމުތަކުގެ ވެރިންނާއި ވެސް ބައްދަލުކުރާ އުސޫލުން ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް އެ މީޓިންގްގައި ދެއްކި ވާހަކަތައް އަޑުއެހޭ ގޮތަށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުމެއް އެއީ، ރަޝިއާ އާއި ގުޅިގެން މި ދެކެވޭ ވާހަކަތަކަކީ ހަމަ ކަނޑައެޅިގެން ދޮގެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ރަޝިއާ ތަހުގީގުގެ ތެރެއިން މިހާރުވެސް ގިނަ ގޯސްތަކެއް ހެދިކަމަށް ވަނީ ފެންމަތިވެފަ އެވެ. އަދި ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯއެންގެ އިތުރުން ކެމްޕެއިންގައި އިސްކޮށް އުޅުނު ޕޯލް މަނަފޯޓް ވެސް ވަނީ ކެމްޕެއިން ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ ސާބިތުވެ ޖަލު ހުކުމް އިއްވާފައި އެވެ.