ހުޅުމާލޭގެ ދެ ސަރަހެއްދެގައި ރޭ މާރަމާރީ ހިންގައި ބަޔަކު ޒަހަމްކޮށްލައިފި އެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާދެމުން އެވެ.
އެނގިފައިވާ ގޮތުގައި، ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ރޭ 12:30 ހާއިރު ހުޅުމާލޭ ފްލެޓް 122- 125 ނަމްބަރު ކައިރީގަ އެވެ. މި މާރާމާރީގައި ބަޔަކު ހަމަލާދީފައި ވަނީ، އެ ސަރަހައްދުން ސައިކަލުގައި ދުއްވާފައި ދިޔަ، ގދ. ގައްދޫ 23 އަހަރުގެ ޒުވާނަކަށެވެ. އޭނާ ދުއްވަން އިން ސައިކަލް ކޮންޓްރޯލް ނުވެ ގޮސް، ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އޭނާއަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އެނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ދެވަނަ މާރާމާރީ ހިނގީ، ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި އެވެ. އެ މާރާމާރީގައި އަނިޔާވެފައި ވަނީ ޅ. ހިންނަވަރަށް އުފަން 28 އަހަރުގެ ޒުވާނާކަށެވެ. އޭނާއަށް އަންނަނީ އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، މިހާރުވަނީ އައިޖީއެމްއެޗް ގެނެސްފަ އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ، ބޮލަށް ލިބުނު ގެއްލުންތަކާ ގުޅިގެން ސީޓީ ސްކޭނެއް ހެދުމަށެވެ.
މި ފަހަކަށް އައިސް ހުޅުމާލޭގައި އަންނަނީ މާރާމާރީތައް އިތުރުވަމުން އެވެ.