ދިވެހި ޓްރެވަލް ކުންފުނިތަކަށް ރަނގަޅު އަގު ލިބޭ ގޮތަށް އެކުލަވާލާފައިވާ އާ ގަވާއިދު މި މަސް ނިމުމުގެ ކުރިން ނެރޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން، އެ ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު އަލީ "އަވަސް" އަށް ވިދާޅުވީ އިއްޔެ މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޓްރެވަލް އެޖެންޓުންގެ ގަވާއިދު އިސްލާހު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދިޔަ ދެ އަހަރު ތެރޭގައި އަޅުގަނޑުމެންވާނެ ޓްރެވަލް އެޖެންޓުގެ ގަވާއިދުގެ ޑްރާފްޓެއް މިނިސްޓްރީ އަށް ހުށަހަޅާފަ. އެ ޑްރާފްޓުގައި ހިމެނިފައިވާ އެއް ކަމަކީ ދިވެހި ކުންފުނިތަކަށް ޓޫރިޒަމް ޕްރޮޕަޓީތަކުން އިތުރު ކޮމިޝަނެއް ދިނުން. އޭގައި ވާނެ 10 ޕަސެންޓް ކޮމިޝަން ދޭން. އެ ގަވާއިދު ނެރުމާ ބެހޭ ގޮތުން މަޝްވަރާކުރީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓަރު އަލީ ވަހީދުއާއެކު މަޝްވަރާ ކުރި އަނެއް ކަމަކީ ޕްރޮޕަޓީތައް ވިއްކުމުގައި އުޅޭ ހުރިހާ ކުންފުނިތަކެއް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުން ކަމަށެވެ.
"މިހާރު އެބައުޅޭ ބޭރުގެ އޮންލައިން ޓްރެވަލް އެޖެންޓުން ރަޖިސްޓްރީ ނުކޮށް. އެހެންވުމުން ރާއްޖެ އަށް މީގެން ލިބޭއެއް ވެސް ފައިދާއެއް ނޯވޭ. ޓެކުހުގެ ގޮތުގައި ވެސް އެއްޗެއް ރާއްޖެ އަކަށް ނުލިބޭ،" އަލީ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ މިނިސްޓަރު އަލީ ވަހީދު ފެނިގެން ދަނީ މިހާތަނަށް އައި އެހެން ޓޫރިޒަމް މިނިސްޓަރުނާ ތަފާތުކޮށް ކަމަށެވެ.
"މިނިސްޓަރު [އަލީ ވަހީދު] ފެނިގެން މިދަނީ ވަރަށް ސަޕޯޓިވް ބޭފުޅެއްގެ ގޮތުގައި. މިނިސްޓަރު މިހާތަނަށް ވިދާޅުވި ހުރިހާ ކަމެއް އޮތީ ތަންފީޒުކޮށްފަ. މި ގަވާއިދުގެ މަސައްކަތް ވެސް ގެންދަވަނީ ވަަރަށް ހަލުވިކޮށް. އެހެންވެ އަޅުގަނޑުމެން މިތިބީ ވަރަށް އުންމީދުގައި،" ރިޔާޒު ވިދާޅުވި އެވެ،
"މިނިސްޓަރު [އަލީ ވަހީދު] ފެނިގެން މިދަނީ ވަރަށް ސަޕޯޓިވް ބޭފުޅެއްގެ ގޮތުގައި. މިނިސްޓަރު މިހާތަނަށް ވިދާޅުވި ހުރިހާ ކަމެއް އޮތީ ތަންފީޒުކޮށްފަ. އެހެންވެ އަޅުގަނޑުމެން މިތިބީ ވަރަށް އުންމީދުގައިލެޓްސްގޯ ރިޔާޒު
އާޓާ އިން މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މިނިސްޓަރު އަލީ ވަހީދުއާ ވެސް ބައްދަލު ކޮށްފަ އެވެ. އަދި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އާ ގަވާއިދު ނެރޭނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
އާޓާގެ ނައިބް ރައީސް އަލީ ވިދާޅުވީ މީގެ އިތުރުން ޓްރެވަލް ކުންފުނިތައް 'ރޭޓް ކުރަން' ހުށަހަޅާފައި ވާނެ ކަމަށެވެ.
"މި ގޮތަށް ކުންފުނިތައް ރޭޓް ކުރުމުން ޓޫރިޒަމް ޕްރޮޕަޓީތަކަށްވެސް ފަސޭހަ ވެގެންދާނެ. މިނިސްޓަރު ވިދާޅުވި އެކަންވެސް ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް،" އަލީ ވިދާޅުވި އެވެ.
ޓްރެވަލް އެޖެންޓު ރެގިއުލޭޓް ކުރަން މިހާރު ހަދާފައިވާ ގަވާއިދަކީ ވަރަށް ދުވަސްވީ ގަވާއިދެކެވެ. ގާތްގަނޑަކަށް 20 ސޮފުހާގެ މި ގަވާއިދުން ދިވެހި ކުންފުނިތަކަށް ހިމާޔަތް ނުލިބޭ ކަމުގެ ޝަކުވާ ކުންފުނިތަކުން އަބަދު ވެސް ކުރެ އެވެ.