ހަބަރު

ޕީޕީއެމް ލީޑަޝިޕް މައްސަލާގައި އިބްތިދާއީ ބައްދަލުވުމެއް ބާއްވައިފި

ޕީޕިއެމްގެ ބާރުތަށް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އިބްތިދާއީ ބައްދަލުވުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވައިފި އެވެ.

ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ލ. ގަން ތުނޑިި، ހަވި އަލީ އަހުމަދު އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ މައްސަލާގެ ފައިލް ސުޕްރީމް ކޯޓުން ވަނީ ނަގާފަ އެވެ.

އެ މައްސަލާގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ސުޕްރީމް ކޯޓުގައި އިބްތިދާއީ ބައްދަލުވުމެއް ބޭއްވިއިރު އެފަދަ ބައްދަލުވުމަކީ މައްސަލާގެ ލިޔެކިޔުންތައް ހަވާލުކުރުމަށް ބާއްވާ އަޑުއެހުމެކެވެ.

އަލީ އަހުމަދުގެ އިތުރުން ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ވެސް ހަމަ އެ މައްސަލަ ސިވިލް ކޯޓަށް ވަކިން ހުށަހެޅި އެވެ. އެ މައްސަލާގެ ފައިލް ވެސް ސުޕްރީމް ކޯޓުން ވަނީ ނަގާފަ އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ޕީޕީއެމްގައި ތިބި އިސް ބޭފުޅުން ވަނީ ޕީޕަލްސް ކޮންގްރެސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާފަ އެވެ.

ޕީޕީއެމްގެ އިންތިހާބީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަން ކަނޑައަޅައިދޭން އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ރައީސް މައުމޫން ޕާޓީގެ ރައީސް ކަމުން ވަކިކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައީސް މައުމޫން އެ މަގާމުން ވަކި ކުރެވޭނީ އެ ޕާޓީގެ ގައުމީ ޖަލްސާއަކުންނެވެ.

ޕީޕީއެމްގެ ލީޑަޝިޕް ރައީސް މައުމޫންގެ އަތްޕުޅުން ނަގައި، ރައީސް ޔާމީނާ ހަވާލުކުރީ ވެސް ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމަށް ހައިކޯޓުން ތާއިދުކުރި އެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.