ހަބަރު

ޕީޕީއެމް ލީޑަޝިޕްގެ މައްސަލައަށް މައުމޫން ވަންނަނީ

ޕީޕިއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގެ ތެރެއަށް ރައީސް މައުމޫން ތަދައްހުލް ވެ ވަޑައިގަތުމަށް ނިންމަވައިފި އެވެ. -- ތަދައްހުލްވުމަކީ އެހެން ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއްގެ ތެރެއަށް ވަނުމެވެ.

އެކަން ރައީސް މައުމޫންގެ ފަރާތުން "އަވަސް" އަށް ޔަގީން ކޮށްދެވެވިއިރު މާދަމާ އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ވެސް ވަނީ ނިންމާފަ އެވެ. ރައީސް މައުމޫން ތަދުއްހުލްވެ ވަޑައިގަތުމަށް ނިންމާފައިވަނީ ޕީޕީއެމްގެ އާންމު ދެ މެންބަރަކު ވަކިވަކިން ހުށަހަޅާފައިވާ ދެ މައްސަލައަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ވަނީ ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ލ. ގަން ތުނޑިި، ހަވި، އަލީ އަހުމަދު ހުށަހެޅި މައްސަލައިގެ އިބްތިދާއީ ބައްދަލުވުން ބާއްވާފަ އެވެ. އެ ބައްދަލުވުމަކީ ލިޔެ ކިޔުންތައް ބަދަލު ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އަލީ އަހުމަދުގެ އިތުރުން ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ވެސް ހަމަ އެ މައްސަލަ ސިވިލް ކޯޓަށް ވަކިން ހުށަހެޅި އެވެ. ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ ދެ މައްސަލާގެ ފައިލް ވެސް ސުޕްރީމް ކޯޓުން ނެގީ އެވެ. އެކަން ސުޕްރީމް ކޯޓުން ކުރީ ޝަކުވާތަކެއް އެ ދެ މައްސަލައާ ގުޅިގެން ލިބެމުންދާ ކަމަށް ބުނެ އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ޕީޕީއެމްގައި ތިއްބެވި އިސް ބޭފުޅުން ވަނީ ޕީޕަލްސް ކޮންގްރެސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފަށައިފަ އެވެ.

ޕީޕީއެމްގެ އިންތިހާބީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަން ކަނޑައަޅައިދޭން އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ރައީސް މައުމޫން ޕާޓީގެ ރައީސް ކަމުން ވަކިކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައީސް މައުމޫން އެ މަގާމުން ވަކި ކުރެވޭނީ އެ ޕާޓީގެ ގައުމީ ޖަލްސާއަކުންނެވެ.

ޕީޕީއެމްގެ ލީޑަޝިޕް ރައީސް މައުމޫންގެ އަތްޕުޅުން ނަގައި، ރައީސް ޔާމީނާ ހަވާލުކުރީ ވެސް ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމަށް ހައިކޯޓުން ތާއިދުކުރި އެވެ. އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.