ހަބަރު

ހުވަފެނީ މަންޒިލަށް ދެމަފިރިން ކުރީ ފަހު ދަތުރު!

ލިއޮމާ އަދި އެރިކާ ކައިވެނީގެ ގޮށް މިދިޔަ މަހުގެ ތެރޭގައި ޖަހާލީ، ލޯބީގެ ގޮތުން 10 އަހަރު އެކީ ހޭދަކޮށްފަ އެވެ. އެ ދެމަފިރިންނަކީ ހައިސްކޫލް ދުވަސްވަރުން ފެށިގެން އެކުގައި ވަރަށް ލޯބިން އުޅުނު ދެ މީހުންނެވެ. އެކަމަކު އެމީހުންގެ ލޯބީގެ ދަތުރު ކިތަންމެހާ ވެސް ކުރެވެ. ދެމަފިރިންގެ ހުވަފެނީ މަންޒިލު، ރާއްޖޭގައި އެ ދެ މީހުން ވެސް ލީ އެ މީހުންގެ އެންމެ ފަހުގެ ނޭވާ އެވެ.

އިއްޔެ ކ. ދިއްފުއްޓާއި މީރު ފެންފުންޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވީ ލިއޮމާ އަދި އެރިކާ އެވެ. އެ ދެ މީހުން ރާއްޖެ އައީ، ކައިވެންޏަށް ފަހު ހަނީމޫންއަށެވެ.

ލިއޮމާގެ ކޮއްކޮ ފިލިޕީންސްގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އެ ދެމީހުންގެ ހުވަފެނީ މަންޒިލެވެ. އަބަދުވެސް ރާއްޖެ އައުމަކީ އެމީހުން ދެކެމުންދިޔަ ހުވަފެނެކެވެ. އުފަލުން ތިބެ އެމީހުން ރާއްޖެ ދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ ދެ މީހުންނަކީ ވެސް ނަރުހުންނެވެ. އެކަމަކު، ދެ މީހުން މަސައްކަތް ކުރަނީ ދެ ގައުމެއްގަ އެވެ. ލިއޮމާާ ސިންގަޕޫރްގައި ވަޒީފާ އަދާކުރާއިރު، އެރިކާ ވަޒީފާ އަދާކުރަނީ ސައުދި އަރަބިއްޔާގަ އެވެ. އެހެންވެ އެ ދެ މީހުން ބައްދަލުވަނީ މަދު ފަހަރެއްގަ އެވެ.

ކޮއްކޮ ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މަރުގެ ތަފްސީލެއް އަދިވެސް އެ އާއިލާއަށް ނުލިބެ އެވެ. ނަމަވެސް މަރުވީ ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ގެނބިގެން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން އާއިލާއަށް މިހާރު ވަނީ އަންގައިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅުނިކޮށް ފުރަތަމަ ގެނބުނީ ލިއޮމާ އެވެ. އެރިކާ ގެނބުނީ އޭނާގެ ފިރިމީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގަ އެވެ. އެ މަންޒަރު ފެނިގެން މީހަކު ޑިންގީއެއްގައި އެހީވުމަށް ދިޔައިރު ދެ މީހުންގެ ވެސް ހަރަކާތް ނެތި، އޮތީ ފެންމަތީގަ އެވެ.

އާއިލާއިން ބުނި ގޮތުގައި އެ ދެމީހުންނަކީ ވެސް ވަރަށް ހިތް ހެޔޮ ރަނގަޅު ދެ މީހުންނެވެ. އަދި ދެ އާއިލާގައި ވެސް ތިބި އެންމެ ދޮށީ ދަރިން ކަމުން ވަރަށް ޒިންމާދާރު ވެސް ދެ މީހުން އެވެ. އާއިލާއިން އެ ގައުމުގެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުން ދެ މީހުންގެ ހަށިގަނޑު އަނބުރާ އެ ގައުމަށް ގެންދިޔުމަށް އާންމުންގެ އެހީތެރިކަމަށް ބޭނުންވެ އެވެ. އެކަމަށް ފައިސާގެ އެހީވުމަށް ވަނީ އެދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެމަފިރިންގެ ހަށިގަނޑު ވެސް އަދިވެސް އޮތީ ރާއްޖޭގަ ކަމަށާއި ނަމަވެސް ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.