ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫއޭއީއިން ރާއްޖެއަށް އިތުރު އެހީތައް ދޭނެ ކަމުގެ ޔަގީންކަން ދީފި

ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރި އަރުވަން ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީ އިން އެހީވެދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިދެ ސިނާއަތް ކުރިއެރުވުމާ ބެހޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ގައުމުގެ ވަލީ އަހުދު އަދި އެ ގައުމުގެ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު، މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާ އާއެކު އޮތް ގުޅުން އިތުރަށް ހަރުދާނާކޮށް އެހެނިހެން ދާއިރާތަށްވެސް ކުރި އަރުވައި ތަރައްގީ ކުރުމަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީއިން ދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ހާއްސަކޮށް ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން އެހީވާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވެސް ބުންޏެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގެ ނަމުގައި މެދުއިރުމަތީގައި ކޮންމެ އަހަރަކު ބާއްވާ ބޮނޑު އެއްވުމުގައި ބައިވެރިވުމަށް އެމަނިކުފާނު އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރު ފުޅުގައި ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ފޮރިން މިނިސްޓަރު ޝާހިދުވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.