ހަބަރު

ލަތީފްގެ ބިލް ގާނޫނު އަސާސީއާ ހިލާފު: ގާނޫނީ ބޭފުޅުން

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ. ނަމަވެސް އެއީ ޕާޓީއާ މަޝްވަރާނުކޮށް ހުށަހެޅި އިސްލާހެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގައި މަގާމުތަކަށް ފުރިހަމަވާން ޖެހޭ ކަމަށް ބަޔާން ކުރާ ޝަރުތުތަކަށް ގާނޫނުގެ ޒަރިއްޔާއިން އުނި އިތުރު ނުގެނެވޭނެ ކަމަށެވެ.

"މި އިސްލާހަކީ ގާނޫނު އަސާސީއާ ފުށު އަރާ އިސްލާހެއް، މަޖިލީހަށް ބަލައެއް ނުގަނެވޭނެ،" ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެވޭނެ ޝަރުތުތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި ވަކި މީހަކަށް ޓާގެޓްކޮށްގެން ގާނޫނުތައް ނުހެދޭނެ ކަމަށާއި އެއީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ނިމިގެންދިޔަ ސަރުކާރުން އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރުމުން އޭގެ އެންމެ ބޮޑު އަނިޔާއެއް ލިބުނު މެންބަރުންގެ ތެރޭގައި ދިއްދޫ ލަތީފް ހިމެނެ އެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވެސް ވިދާޅުވި އެވެ. އަދި ވަކި މީހަކަށް ޓާގެޓްކޮށް ގާނޫނުތައް ހަދައިގެން ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށް ނިންމާފަ އެވެ. ކެމްޕެއިން ވެސް ދަނީ ކުރައްވަމުންނެވެ. އޭގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

"ރައީސް ނަޝީދަކީ ގާނޫނު އަސާސީގެ ދަށުން ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮތް ބޭފުޅެއް، ވީއިރު އެމަނިކުފާނު މަޖިލީހަށް ކުރިމަތިލުމުގެ ދޮރު ބަންދު ކުރެވޭނީ ކޮން ހަމަޔަކުންތޯ،" ދިޔާނާ ސައީދު ސުވާލު އުފައްދަވާފައިވެ އެވެ.

ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ އެއްވެސް މީހެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް އަދި ވަކި މީހަކަށް ގެއްލުމެއް ނުވަތަ ތުރާލެއް ދޭން ބިލް ހުށަނޭޅޭނެ ކަމަށެވެ. އަދި އެފަދަ ބިލަކަށް ތާއިދު ވެސް ނުކުރައްވާނެ ކަމަށެވެ. އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުން ހަމަ އެކަކު ވެސް ބަރީއަކޮށްގެން ނުވާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.