މިދިޔަ ޑިސެމްބަރު މަހު ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ގެއްލުން ލިބުނު 126 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑީސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފި އެވެ.
އެންޑީއެމްއޭގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ވިއްސާރައިގެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ވިޔަފާރިވެރިން ދިން ފައިސާގެ އަދަަދު 1.3 މިލިއަން ރުފިޔާ އަށް ވުރެ މަތި، ކަމަށެވެ. ސޮފީނާޒް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ހަތް ގެޔަކަށް ވަގުތުން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޑިސެމްބަރު މަހު ކުރި ވިއްސާރައިގެ ސަބަބުން ކުރިއަށް ގެންދިޔަ ފްލަޑް އެމަޖެންސީ މިއަދު ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ ވިއްސާރައިގެ ގެއްލުން ލިބުނު 94 ޕަސެންޓަށް އެހީވެދީފައިވަނީ އަމިއްލަ ފަރާތްތަކުން ދިން އެހީތެރިކަމުގައި ކަމަށެވެ.
"ވަރަށް ގިނަ މީހުން އެހީވި، ވިޔަފާރިވެރިން ދިން އެހީތަކާއެކު ލިބުނު ފައިސާގެ އަދަދު 1.3 ރުފިޔާއަށް އަރާ، ބައެއް ފަރާތްތަކުން ވަނީ ބާލީސް އަދި ބެޑްޝީޓް ފަދަ ތަކެތިވެސް ހަދިޔާ ކޮށްފަ، 126 ގެއަކަށް ވަނީ އެހީވެދީފަ އަދި ވިއްސާރައިގައި ގެއްލުން ލިބުނު ހަތް ގެޔަކަށް ވަނީ ވަގުތުން އެހީވެދީފަ" ސޮފީނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ވަކި އިންސައްތައެއް ޑިޒާސްޓާ އޮތޯރިޓީގެ ރިލީފް ފަންޑަށް ޖަމާކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަމަ މިފަންޑަށް ވިޔަފާރިވެރިން އަދި އަމިއްލަ ޖަމިއްޔާތަކުން ފައިސާގެ އެހީ ހަދިޔާ ކުރެވެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ޑިޒާސްޓާ ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސޮފީނާޒް އިތުރަށް ވިދާޅުވީ، ދެކުނުގެ އަތޮޅަށް ކުރަމުންދާ ވިއްސާރާއިގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީވެދީފައިނުވާނެ ކަމަށެވެ. އެ ރަށް ރަށުގައި އެމްއެންޑީއެފް ޕޮލިސް އަދި ރެޑް ކްރެސެންޓް އިން ހަރާކާތްރެތިވަމުންދާ ކަމަށް ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އެހީ ނުވެވުނީ ފަންޑުގައި ހުރީ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ހަދިޔާ ކޮށްފައިވާ ފައިސާ އަށްވުމުން އެވެ.