ކޮލަމް

ކޮލަމް ފޮޅުވަތް - މަޖިލިސް މެންބަރު މަގުފުރައްދަނީ ރައްޔިތުން

Jan 19, 2019
12

"ކާފަ ގޮވައިގެން ބޭހަށް ދާން މެންބަރު ގާތު އެހީއަށް އެދިގެން މި އުޅެނީ. އެހެންވެ މާލެ އައީވެސް. އެކަން ހަމަޖެހުމުން ދެން ފުރަންވީ. މާދަން އެބަ ހަމަޖެހޭ،" ދުވަސްގަނޑަކަށް ފަހު ރަށްޓެއްސަކާ ކޮފީއަކުން ބައްދަލުވުމުން މާލެ އައިސް އުޅޭ ސަބަބު ކިޔައި ދިނެވެ. އެ ވާހަކަ ނިންމާފައި އޭނާ ދެން ފެށީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވާހަކަ އެވެ. މަޖިލިސް "ކޮރަޕްޓްވެފައި" އޮތްވަރާއި މަޖިލިސް ތާހިރުކޮށް، ފޮޅައި ދޮވެ ސާފު ކުރަން ޖެހޭ ވާހަކަ އޭނާ ދެއްކި އެވެ. ކޮފީ ނިންމާލާފައި ނުކުތް އިރު އަހަރެންގެ ހިތަށް އެރީ މިވަރުން ދެން މަޖިލިސް އިސްލާހު ކުރާނީ ކިހިނެތް ހެއްޔޭ އެވެ.

ރަހުމަތްތެރިޔާގެ ވާހަކައިގެ ފަހު ބަޔަށް އަހަރެން ވެސް އެއްބަހެވެ. މަޖިލިސް އޮތީ ފޮޅާ ސާފު ކުރަން ޖެހިފަ އެވެ. އެކަމަކު މަޖިލިސް މެންބަރު ކައިރީ ބޭހަށް ސަލާން ޖަހަމުން އެ މަޖިލިސް ކޮރަޕްޝަނުން މިންޖު ކުރާނެ ގޮތެއް ބުއްދިއަކަށް ނާދެ އެވެ.

މަޖިލިސް މެންބަރުންގެ ފައިސާގެ ކުޅިގަނޑު ފެށެނީ، ލިބޭ މުސާރަ އާއި އިނާޔަތްތަކުން އެބޭފުޅުންނަށްވެސް ދެކޮޅު ނުޖެހިގެނެވެ. "ބެގް، ބޮރޯ އެންޑް ސްޓީލް" ކޮންގެވެސް ހޯދުނު ދިމާލަކުން އެ ހޯދާ ގޮތަކަށް ދާއިރާގެ މެންބަރު ފައިސާ ހޯދަން ޖެހޭނީ ވެސް މަޖިލިސް މެންބަރުންނަށް ރައްޔިތުން ކުރިމަތިކުރާ ބޮޑެތި މަޖުބޫރުތަކުން އެވެ.

ކާފަޔަށް ބޭހަށް ފުރުވުމުން ފެށިގެން ގޮސް، ތުއްތު ދަރިފުޅަށް ނެޕީ ގަނެދިނުމާއި ރޯދައަށް ގޭތެރެ ޒީނަތްތެރި ކުރަން އެހީވެދޭން ޖެހޭނީ ދާއިރާގެ މެންބަރު ކަމަށް ރައްޔިތުން ގަބޫލު ކޮށްގެން ތިބޭހާ ދުވަހަކު މަޖިލިސް މެންބަރުން މަގުއޮޅިގެން ދިޔުމުގެ ސިލްސިލާއަށް ނިމުމެއް ނެތެވެ.

ރަހުމަތްތެރިޔާ ބުނާ ގޮތަށް މަޖިލިސް ފޮޅައި، ދޮވެ ސާފުކުރަން ބިސްމި ކިޔާފައި ފުރަތަމަ ސާފު ކުރަން ޖެހެނީ އާންމު ރައްޔިތު މީހާގެ ވިސްނުމެވެ. އެކަމަކު ރަހުމަތްތެރިޔާގެ އެ ވިސްނުން ހުރެގެން މަޖިލިސް މެންބަރުން އިސްލާހުވާކަށް ނެތެވެ.

މަޖިލިސް އިންތިހާބެއް ބޯމަތިވެފައިވާ އިރު މި ކުރިމަތިވަނީ އެ އިމްތިހާނެވެ. މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންގެ ތާއީދުކޮށް ގޮނޑި ހަވާލު ކުރަނީ ރަށުގެ ބަނދަރު ހަދައިދީ، ސްކޫލުން އެއްވަނައަށް ހޮވޭ ދަރިވަރުންނަށް އައިޕެޑް ބަހައި ބޮޑު އީދު ފާހަގަ ކުރަން ލައްކައެއްހާ ރުފިޔާ ދޭން ވައުދުވާ ބޭފުޅާއަށެވެ. އެކަމަކު ސުވާލަކީ މިއީ ރައްޔިތުން މަޖިލިސް މެންބަރުންނާ ކޮންގޮތަކުން ކިހާ ހިސާބަކުން ގުޅޭ "ފޮނި" ވައުދުތަކެއް ހެއްޔެވެ؟

މަޖިލީހުގެ މެންބަރެއްގެ ޒިންމާއަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ގާނޫނުތައް ހަދައި ގައުމަށް ފައިދާ ހުރި ގޮތަށް ސަރުކާރާއި މުއައްސަސާތައް ހިނގާތޯ ބަލައި ކަށަވަރުކޮށް ރައްޔިތުންގެ ވަކީލަކަށް ވުމެވެ. ކުރިން ބުނި އެއްވެސް ވައުދެއް މަޖިލިސް މެންބަރުގެ މަސައްކަތާއި ޒިންމާއާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތެވެ. މަޖިލީސް މެންބަރަކީ ރަށުގެ ބަނދަރު ހަދައި ދިނުމުގައި ސީދާ ދައުރެއް އޮންނަ މީހެއް ނޫނެވެ. މެންބަރު ހެޔޮފުޅުކަމުން ހަމައެކަނި ސަރުކާރުގެ ތެރެއިން އެކަމަށް ބާރެއް އަޅާލައި ދެވިދާނެ އެވެ. އެކަމަކު ދާއިރާ ރައްޔިތުންގެ މެޑިކަލް ބިލްތަކާ ހަވާލުވެ، ކަޕް ބާއްވައި، ސްކޫލް ދަރިވަރުންނަށް އައިޕެޑް ބަހައިދިނުމަކީ މެންބަރު ކޮށްދޭން ޖެހޭ ކަމެއް ނޫނެވެ.

ބޮޑެތި މަހުޖަނުން ގާތުގައި "އައިނީޑް ޝަމް ކޭޝް" އަށް އާދޭސް ކުރަން ޖެހެނީ ވެސް ރައްޔިތުން ވެފައި ހުންނަ ކަމާނުބެހޭ ޒާތުގެ މިކަހަލަ ފޮނި ވައުދުތައް ފުއްދައިދޭން ޖެހޭތީ އެވެ. ދިރިއުޅުމުގެ ހާލަތު ދަށްވެ، އަތްމަތި ދަތިވާ ކޮންމެ ފަހަރަކު ދާއިރާގެ މެންބަރު އެކަމަށް ހައްލު ހޯދައިދޭން ރައްޔިތުން އެދޭ ނަމަ، މަހުޖަނު ކައިރިއަށް ފައިސާއަށް ސަލާން ޖަހަން ދިޔުން ނޫން ގޮތެއް މެންބަރަކަށް ނޯންނާނެ އެވެ.

ދާއިރާގެ މެންބަރަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ޗެރިޓީއެއް ނޫނެވެ. މަޖިލިސް މެންބަރުން މަދު ފައިސާކޮޅަކަށް ވިކެން ޖެހެނީ، ނޫނީ އަތްމަތި ތަނަވަސްވާނެ ބޮޑު ވިޔަފާރިއެއް ފަށަން ފައިސާކޮޅެއް ބޭނުން ވެގެން ހިނގަނީ މި ބޮޑެތި ވައުދުތައް ފުއްދަން ފައިސާ ހޯދާށެވެ. ނޫނީ ސަލާން ޖަހާ ރައްޔިތުންނަށް އެ ފައިސާ ބަހާށެވެ.

މަޖިލީހުގެ މުސާރަ އާއި އެލަވަންސަށް މަހަކު ޖެހޭ، 90،0000 އެއްހާ ރުފިޔާއިން ދާއިރާގެ ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ޖެހޭނަމަ، މަޖިލިސް މެންބަރަކަށް ހޯދޭނެ އަބުރުވެރިކަމެއް ނޯންނާނެ އެވެ. މަޖިލިސް ތާހިރުކުރަން ބޭނުން ނަމަ ފުރަތަމަ ޖެހެނީ މަޖިލިސް މެންބަރު އޭނާގެ ހަގީގީ ޒިންމާތައް އަދާކުރަން، ރައްޔިތުން ފުރުސަތު ދޭށެވެ.

ދާއިރާގެ މެމްބަރުގެ ފައިބުޑަށް ވެއްޓި، އަމިއްލަ ބޭނުމަށް ސަލާމް ޖަހާ ނަމަ، މެންބަރުގެ ހަގީގީ މަސައްކަތް އަދާކުރޭތޯ ރައްޔިތުންނަކަށް އޭނާގެ މައްޗަށް ފާރަވެރިވެގެނެއް ނުތިބެވޭނެ އެވެ. މަޖިލީހުގައި ޒިންމާތައް އަދާކުރުމުގައި ބޭނުންހާ ގޮތަކަށް ބޭނުންހާ ވައްތަރެއް މަޖިލިސް މެންބަރު ޖެއްސިޔަސް އެކަމަށް ވަރިހަމަ ވެގެން ތިބުން ނޫން ގޮތެއް ރައްޔިތުންނަށް ނޯންނަނީ މި ސަބަބުތައް އައިސްގުޅުނީމަ އެވެ.

ވޯޓް ވިއްކުމާއި، ފަސާދަ އާއި ހިޔާނާތާއި ކަޅު ފައިސާއިން މަޖިލިސް ތާހިރު ކުރަން ބޭނުން ނަމަ، ފުރަތަމަ ވެސް ކުރަންވީ ކަމަކީ އާންމު ރައްޔިތު މީހާގެ ވިސްނުން ދާއިރާގެ މެންބަރާ މެދު ބަދަލުކުރުމެވެ. ދާއިރާގެ ރައްޔިތުންގެ ބެންކަކީ މެންބަރު ކަމަށް ވެފައި އޮންނަ ފަލްސަފާ ދޫކޮށްލަން ވެއްޖެ އެވެ. މެންބަރުކަމުގެ ގޮނޑިއަށް ހުރި ދަހިވެތި ކަމެއްގައި އިސްކޮޅަށް ނުކަތާހާ ވައުދުތަކަށް ހެއްލޭ ނަމަ ދާއިރާއަށް މިފަހަރުވެސް ލިބޭނީ ވިކޭނެ މެންބަރެކެވެ.

އިއްޒަތްތެރި މެންބަރުގެ ޝަރަފް ހޯދަން އަންނަ ބޭފުޅުންނާ ސުވާލު ކުރަންވީ، ދާއިރާ ތަރައްގީ ކުރަން ކޮށްދެއްވާނެ ކަންތަކާބެހޭ ގޮތަކުން ނޫނެވެ. ނޫނީ ރައްޔިތުންނަށް ދޭނެ އެހީތަކާބެހޭ ގޮތަކުން ވެސް ނޫނެވެ. ކުރަންވީ ސުވާލަކީ، މަޖިލީހުގެ މަސައްކަތްތައް ކުރަން އޭނާ ރައްޔިތުންގެ ހިޔާލު ހޯދާނީ ކިހިނެތް ހެއްޔެވެ؟ އެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ކިހާވަރަކަށް ބާއްވާނެ ހެއްޔެވެ؟