މަޖިލިސް އިންތިހާބު 2019

ނަޝީދުގެ ވާހަކަތަކާ ހުރެ ގާސިމް ކޯފާވެއްޖެ

Jan 16, 2019
9

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނީ ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބިގެންކަން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން މަޖިލިސް މެންބަރުންގެ ޝަރުތުތަކާ ގުޅޭ ގޮތުން ވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެގޮތުން ވިޔަފާރިވެރިން މަޖިލީހަށް ވަދެގެން ނުވާނެ ކަމާއި، މަޖިލިސް މެންބަރުން ވިޔަފާރިތައް ހިންގުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލައްވާފައިވެ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާޙިމް ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަފުޅު ދެއްކެވީ ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ނަޝީދަށް އަމާޒު ކުރައްވާ ގާސިމް ވާހަކަ ދެއްކެވީ ނަން ބޭނުން ނުކުރައްވަ އެވެ. ނަމަވެސް އެ ހަމަލާތައް އަމާޒު ކުރެއްވީ ސީދާ ރައީސް ނަޝީދަށްކަން ވަރަށް ސާފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ހަމަނުޖެހޭ ކަމަށެވެ. އެކަމާ ދެކޮޅަށް ތަންދޮރު ދަންނަ ބޭފުޅުން ވާހަކަ ދައްކަން ވެސް ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ، ގައުމެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު 2008 ވެރިކަމަށް ވަޑައިގެން ކަމެއް ރަނގަޅަށް ކުރެވިފައިވާނަމަ އޭގެ 50 ޕަސެންޓް ހިއްސާ ޖުމްހޫރީ ޕާޓީގެ އޮންނާނެ ކަމަށެވެ. އެފަހަރު އެމްޑީޕީ އޮތީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދާފަ އެވެ. ކޯލިޝަން ރޫޅުނީ މަޖިލިސް އިންތިހާބަށްފަހު އެވެ.

ރައީސް ސޯލިހުގެ ސަރުކާރު ހަތަރު ޕާޓީގެ މަސައްކަތުން ގެނެސް، ސަރުކާރު ދެމި އޮންނާނީ ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ކަމަށް ވިދާޅުވުމަކީ އަމިއްލަ އެދުން ހުރި މިންވަރު އެނގިގެންދާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، މިހާރު މިއޮތީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް ސޯލިހު އަބަދުވެސް ވިދާޅުވުމަކީ ސެލިއުޓް ކުރައްވާ ކަމެއް ކަމަށެވެ. ރައީސް ސޯލިހު ކޯލިޝަނަށް އަދުލިވެރިކޮށް ކަން ކުރައްވާ ހިނދަކު އެމަނިކުފާނާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކުގަ [ރައީސް ސޯލިހު]، ވަރަށް ސާބިތުކަމާއެކު ކެރުވަޑައިގެން ހުންނަވާ، ވަކި މީހަކު އެހެނޭ މިހެނޭ ވިދާޅުވެ ކުލަވަރު ދެއްކިޔަސް ފިކުރު ބޮޑުވެ ވަޑައިނުގަންނަވާ، ރައްޔިތުން ތިބީ އެންމެ މީހަކު ޖަހާ ބެރަކަށް ޑާންސް ކުރާކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ފުއްދަންވީމަ މަހުޖަނުން ބޭނުންވާ ކަމަށެވެ. ޒިންމާއެއް އަދި ސަބަބެއް ނެތި ދުނިޔޭގައި އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ސޯލިހު ވެރިކަމަށް ގެންނަން އެންމެ ބޮޑު ހަރަދެއް ކުރި ގާސިމް ކުންފުނިތައް މިހާރު އެމްޑީޕީއަށް ގޯސްވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ވިޔަފާރިވެރިންނޭ، މަހުޖަނުންނޭ، އެއްޗެކޭ މީއްޗެކޭ، މަޖިލީހަކީ މަގުމަތި ކުނި ކަހާ ތަންދޮރު ނުދަންނަ ގާނޫނީ ހައިސިއްޔަތެއް ނޫން، މީހަކު ބުނީމަ ބަޓަނަށް ފިއްތާ މީހެއްތޯ އެތަނަށް ވަންޖެހެނީ، އެއްވެސް ޒިންމާއެއް މަސްއޫލިއްޔަތެއް ނެތް، ނޫން، ދަރިން ލިބުނީމަ އެކުދިންނަށް ވެސް ކަންކަން ނުކޮށްދެވޭ މީހުންނަށްތޯ މި ގައުމުގެ ޒިންމާ ހަވާލުރަންވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމަކަށް ޖުމްހޫރީ ޕާޓީއިން އެއްބާރުލުން ނުދޭނެ ކަމަށެވެ. އެއީ މީގެކުރިން ވެސް ފެނިފައިވާނެ ކަމެއް ކަމަށާއި ދެން ވެސް އެކަން އޮންނާނީ އެހެން ކަމަށް ވިދާޅުވި އެވެ. އެއްވެސް ބޭފުޅަކު "ހުވަފެނެއް ފެނިގެން" ނޫޅުމަށް ގާސިމް އެދިވަޑައިގަތެވެ. ހިޔާލީ ފޮލާ ކައްކަމުންދާ މީހަކަށް ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.