ހަބަރު

ގާސިމްގެ ސުވާލެއް އެމްޑީޕީއަށް: ގުޅިފައިވާ ޕީޖީ ގުރޫޕް މިހާރު އެބަ އޮތްތަ؟

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީއިން ބުނުމަކުން ހައިރާން ނުވާ ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ދާދި ދެެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ބުނެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ. ގާސިމް އިތުރަށް ވިދާޅުވީ އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީއިން ނިންމީ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށެވެ.

ގާސިމް ކުރެއްވި ޓުވީޓް

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލްލަތީފު މުހައްމަދު ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ނަގާފައިނުވާތީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕަށް ބުރޫ އަރާނެ ކަމަށެވެ.