ދިވެހި ސިނަމާ

ރަށްރަށަށް "ނިވައިރޯޅި" އަރަނީ

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަތޮޅުތަކުގެ ސިނަމާތަކުގައި މިއަދު ޕްރިމިއާ ކުރާނެ އެވެ.

ނިއުމާ ދިވެހި ފިލްމް ސްކްރީނަށް އަލްވަދާއު ކިޔާ "ނިވައިރޯޅި" މަނަދޫގައި ޕްރިމިއާ ކުރުމަށް ފިލްމުގެ މުހިއްމު ތަރިންތަކެއް އެރަށަށް ދާނެ އެވެ. މިރޭ އެ ރަށުގައި "ނިވައިރޯޅި" ޕްރިމިއާ ކުރާއިރު ބައިވެރިވާނީ ނިއުމާ އާއި ޒީނަތާއި އަޒްމީލް، ޖުމައިހު، ރިޝްފާ އަދި ނުޒުހަތެވެ.

މަނަދޫގައި މި ފިލްމު މިރޭ އަޅުވާއިރު ބ. އޭދަފުށީގައި އަޅުވަނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. އަދި ކ. ގުރައިދޫގައި ހޮނިހިރު ދުވަހުގެ ރޭ މި ފިލްމު އަޅުވާނެ އެވެ.

"ނިއުޒޯ ޕްރޮޑަކްޝަން އިން ގެނެސްދޭ ނިވައިރޯޅި" އަކީ "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ ފިލްމްތައް ގެނެސްދީފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ. ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްތައް މޫމިން ކޮށްފައިވާއިރު، މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.

މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި މިހާރު ކުރިއަށްދާއިރު، މި ފިލްމުން ވަނީ ހައުސްފުލް ޝޯ ތަކެއް ގެނެސްދީފަ އެވެ. އަދި ބެލުންތެރިންނާއި ފިލްމީ ގިނަ ތަރިންވެސް ބުނަނީ މިއީ ނިއުމާގެ ފަހު ފިލްމަށް ވާއިރު މިއީ އޭނާގެ އެންމެ މޮޅު އެއް ފިލްމު ކަމަށެވެ.