ހަބަރު

ނަމޫނާ ރޭމްޕް މަތީ ޕާކް ކުރާތީ، އާ ފަރުމާއެއް

Jan 16, 2019
6

މާލޭގެ ކޮންމެ ދުވާރަކުން މަގަށް ފަސޭހައިން ނިކުމެވޭ ގޮތް ހެދުމުގެ ގޮތުން ކޮންމެ ދުވާރެއްގައި ރޭމްޕެއް ހެދުމަށް ސިޓީ ކައުންސިލުން ހެދި ނަމޫނާ ރޭމްޕް މަތީ ސައިކަލް ޕާކް ކުރާތީ އާ ފަރުމާއަކަށް ރޭމްޕް ހެދުމަށް ނިންމައިފި އެވެ.

ނަމޫނާ ރޭމްޕް ސިޓީ ކައުންސިިލުން ހެދީ ސޮނީ ހާޑްވެއާ ކުރިމަތީގަ އެވެ. ނަމަވެސް އޭގެ ފަރުމާ ހުރި ގޮތުން މީހުން ސައިކަލްތައް އޭގެ މަތީގައި ވެސް ޕާކް ކުރި އެވެ. އެހެންވެ، ކައުންސިލުން ނިންމީ އާ ފަރުމާއަކަށް ރޭމްޕްތައް ހަދާށެވެ.

އާ ފަރުމާއަށް މިހާރު މަޖީދީ މަގުގައި ވަނީ ރޭމްޕެއް ހަދާފަ އެވެ. އެ ރޭމްޕް ހަދާފައިވަނީ ސައިކަލް އޭގެ މައްޗަށް ނޭރުވޭ ގޮތަށް ތަންކޮޅެއް އުސްކޮށެވެ.

ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ، މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ގޭގޭގެ ކުރިމަތީގައި އަދި ގަރާޖްތައް ކުރިމަތީ ޕާކް ކުރާ މައްސަލަ ބޮޑުވެގެންނެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އެކަމަށް ހައްލު ގެނައުމަށް ވަރަށް ގިނަ ގޭގޭ ކުރިމަތީގައި ލަކުނޑި ޕެލެޓްތައް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް ޕެލެޓްތަކުގެ ތެރެއަށް ފައި ވަދެ، ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުމުގެ މައްސަލަތައް މީގެކުރިން ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން އަންހެނެއްގެ ފައި ބިދިގެން އެ މައްސަލަ ސަމާލުކަމަށް އައުމާއެކު، ސިޓީ ކައުންސިލުން ވަނީ 600 ޕެލެޓް ނަގާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ޕެލެޓްތައް ނަގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.