ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ފަށައިފި އެވެ. އެއީ 126 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީގައި އެ ބަނދަރު ހަދާ ސަރަހައްދަކީ މިހާރު ކުޅުދުއްފުށީގައި މީހުން މޫދަށް ގޮސް، ޒުވާނުން މޫދު ކުޅިވަރު ކުޅޭ ސަރަހައްދެވެ. ގޮތަކަށް ބުނާނަމަ، ކުޅުދުއްފުށީގައި ސަލާމަތުން އޮތް ހަމައެކަނި ބީޗެވެ.
އެ މަޝްރޫއުގެ ދަށުން މުދާ އުފުލުމަށާއި ދަރިވަރުންނަށް ހާއްސަ ބަނދަރެއް ހެދުމާއި އާ ނެރެއް ހަދާނެ އެވެ. ކުދި އުޅަނދުތައް އެޅުމަށް ޖެޓީ ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދަން ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން ފެރީ ޓާމިނަލް އިމާރާތެއް ހެދުމާއި އެ އިމާރާތުގައި ފެރީ ޓިކެޓު ވިއްކުމަށް ކައުންޓަރުތަކާއި އޮފީހާއި ރީޓެއިލް ފިހާރައަަކާއި ނަމާދު ކުރާނެ ތަނެއް އަދި ކެފޭ ފަދަ ތަންތަން ހެދުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
އޭގެ އިތުރުން މަސް މާރުކޭޓެއް ހެދުމާއި އެތަނުގައި މަސް ކެނޑުމަށާއި މަސްވެރިން ބޭނުން ކުރުމަށް ފާހަނަ އާއި ސްޓޯ އަދި ފައިސާ ކައުންޓަރުތައް ހަދަން ވަނީ އެމްޓީސީސީއާއެކު އެއްބަސްވެފަ އެވެ. އަދި ކުދި އުޅަނދުފަހަރު ބޭނުން ކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓާ ފްރަންޓު ޒޯނެއް ވެސް ހަދަން ވަނީ އެއްބަސްވެފަ އެވެ.
ބަނދަރު އެ ސަރަހައްދުގައި ހަދާތީ ރަށުގެ މޫދު ކުޅިވަރަށް ހުރަސް އެޅޭ ކަމަށް ބުނެ ރަށުގެ ބައެއް ޒުވާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ސަރުކާރާ ވެސް ހިއްސާކޮށްފައިވެ އެވެ.
އެމްޓީސީސީއިން ބަނދަރުގެ މަސައްކަތް ފެށިއިރު އެ ރަށުގެ އެއާޕޯޓްގެ މަސައްކަތް ވެސް ކުރަނީ އެ ކުންފުނިންނެވެ. އެއާޕޯޓްގެ ޓާމިނަލް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.