ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުއްދަ ދީފައިވާ ކުންފުނިތައް ނޫން އެހެން ކުންފުނިތަކުން ވިއްކާ ފްލެޓް ނުގަތުމަށް އެދިއްޖެ އެވެ. އެޗްޑީސީއިން ހުއްދަ ދީފައިވަނީ 12 ކުންފުންޏަކަށެވެ.
އެޗްޑީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން "ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް"ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން، އެޗްޑީސީގެ ހުއްދަލިބިގެން ކަމަށެވެ.
އެހެންކަމުން، ކަނޑައެޅިފައިވާ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެޗްޑީސީއިން ބުންޏެވެ.
ހުއްދަ ދީފައިވާ ކުންފުނިތައް:
- އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް
- ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ދަމާސް ކޮމްޕެނީ ޕްރައިވެޓް
- އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
- އެފް ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް
- ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
- ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑް
- ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- އިނޯކާ ޕްރައިވެޓް ލިމިޓެޑް
އެޗްޑީސީއިން ބުނި ގޮތުގައި ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓްތަކުގައި އިމާރާތް ކުރެވޭ ހައުސިން ޔުނިޓްތައް ގަންނަ ފަރާތްތަކުން، އެ ފަރާތްތަކާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގެވުމުގެ ކުރިން އެ ކޯޕަރޭޝަނުން ސޭލްސް އެޕްރޫވަލް ދިފައިވާކަމުގެ ލިޔުމާއި، ސޭލްސް އެންޑް ޕާޗޭސް އެގްރީމަންޓަށް އެ ކޯޕަރޭޝަނުން ހުއްދަދީފައިވޭތޯ ޔަގީން ކުރުމަށް އެދޭ ކަމަށެވެ.
އެޗްޑީސީއިން މިފަދައިން އަންގައި ބަޔާނެއް ނެރެފައިވާއިރު ބައެއް ކުންފުނިތަކުން ގެންދަނީ އިމާރާތުގެ ބޮޑު ބައެއް ނުނިމެނީސް ފްލެޓް ވިއްކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި އެޗްޑީސީއިން އާންމުކުރި ލިސްޓްގައި ނުހިމެނޭ ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.