ވިޔަފާރި

ހިތާމަވެރި ހާދިސާތައް މަދުކުރަން އެންމެންގެ އެހީ ބޭނުންވޭ: މިނިސްޓަރު އަލީ

ޓޫރިޒަމް ސިނާއަތުގައި ހިންގަމުންދާ ހިތާމަވެރި ހާދިސާ ތަކުން ރައްކާތެރިވާން އެންމެންގެ އެހީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ މަޝްހޫރު ރިޒޯޓެއް އަނދައިގެން ދިއުމާއި ގާތްގާތުގައި ތިން ޓޫރިސްޓުން ގެނބިގެން މަރުވުމާ ގުޅިގެން، މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރެވޭނެ. އަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނެ. އިންސާ ﷲ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހިންގަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ދާދިފަހުން ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓު ކަމަށްވާ ގިލިލަންކަން ފުށީގައި އަލިފާނުގެ ހާދިސާއެއް ހިންގާފަ އެވެ. އަދި ދާދިފަހުން ވަނީ ރާއްޖެއަށް ހަނީމޫން ހޭދަކުރަން އައިސް އުޅެނިކޮށް ޓޫރިސްޓު ދެމަފިރިން ގެންބިގެން މަރުވެފަ އެވެ. އަދި ރޭ ވަނީ ކޮރެއާގެ ޓޫރިސްޓަކު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބިގެން މަރުވެފަ އެވެ.